ރައްޔިތުން މަޖިލިސް ހުޅުއްވައި ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި އެންމެ އުފާވެރި ހަބަރަކީ ތައުލީމީ ދާއިރާ އެންމެންގެ- ޓީޗަރުންގެ- މުސާރަތައް ބޮޑުކުރުމެވެ. އަބަދު ވެސް ބުރަ މަސައްކަތް ކުރާ ހިތްވަރު ގަދަ ޓީޗަރުންނަށްދޭ އިނާޔަތް ބޮޑުވުމަކީ ލިބިގެން ދާނެ ބޮޑު އުފަލެކެވެ. އަދި މި ބަދަލު މި އަހަރު އަންނާނެކަމުގެ އުފާވެރި ހަބަރު ލިބުމަކީ ޓީޗަރުންގެ ހިތަށް ލިބުނު ފިނި ކަމެކެވެ. ނަމަވެސް މުސާރަ ބޮޑު ކުރުމާ ހަމައަށް ސަރުކާރުން ދާއިރު މީގެ ކުރިން އަޅާފައިވާ "އިގްތިސޯދީ" ފިޔަވަޅުތަކުގެ ސަބަބުން ބޮޑުވާ މުސާރައިގެ ފައިދާ ނުކޮށްފާނެ ހާލަތެއް އަތުވެދާނެ ކަމަށް މާހިރުން ގަބޫލުކުރެ އެވެ.
ބޮޑުވުމަށް އަންނަ މުސާރައިގެ ފައިދާ ނުކޮށްފާނެ ހާލަތެއް އަތުވެދާނެ ހެއްޔެވެ؟ ބޮޑުވާ މުސާރަ އިން ޖީބަށް ނޭނގުމުގެ ބިރު އެބައޮތް ހެއްޔެވެ؟ މި މުސާރަ ޖަމާވާކަން "ހީވެސް ނުވާނެ" ހާލަތަކީ ކޮބައި ހެއްޔެވެ؟
"ފައިސާ ޗާޕު ކުރުމުގެ އިފެކްޓް މި އަހަރު ކުރާނެ. އެހެންވެ މިހާރު ގެންނަން އުޅޭ ބަދަލާއެކު މުޅި އެތި ކެންސަލް އައުޓްވުމުގެ ފުރުސަތު އެބައޮތް،" މުސާރަ ބޮޑު ކުރުމަކީ ފޫނެތް ފަޔަލަށް ގެން ފުރުން ފަދަ ކަމަކަށްވެދާނެ ކަމަށް ވިދާޅުވެ، ކުރިން އެމްޑީޕީ ސަރުކާރުގައި ފިނޭންސް މިނިސްޓްރީގެ އިސް މަގާމު ތަކެއް ފުރުއްވި މާހިރު ދެއްވީ މި ޖަވާބެވެ.
އާމްދަނީ އިތުރުނުވެ، ހަރަދު މަތިވުން
ސަރުކާރުން ވަނީ ޓީޗަރުންގެ މުސާރަ ބޮޑު ކުރުމުގެ އިތުރުން ޑޮކްޓަރުންގެ މުސާރަ ބޮޑުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުނަށްދޭ އިނާޔަތް ވެސް މައްޗަށް ޖައްސާނެ ކަމަށް ބުނެފަ އެވެ. ޓީޗަރުންގެ މުސާރަ 56 ޕަސެންޓް ވަރުގެ އިތުރުވުމެއް އަންނާނެ ކަމުގެ އިޝާރާތެއް ރައީސް ސޯލިހު ދެއްވިއިރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް މައްޗަށް ޖައްސާނެ އަދަދެއް އަދި ސަރުކާރުން ހާމައެއް ނުކުރެ އެވެ.
މި ބަދަލާއެކު ބަޖެޓުން މުސާރަ ބޮޑު ކުރުމަށް އެކަނި މަހަކު ގާތްގަނޑަކަށް 700 މިލިއަން ރުފިޔާ ވަރު ދާނެ ކަމަށް އަންދާޒާ ކުރެވެ އެވެ. މިހާރު އަމަލު ކުރަމުންދާ މިނިމަން ވޭޖުގެ ސަބަބުން ވެސް ދައުލަތުގެ ބަޖެޓުން އިތުރު 300 މިލިއަން ރުފިޔާ މިހާރު ހަރަދު ވާނެ އެވެ. މި ވަރަށް ބަޖެޓުން ފައިސާ އިތުރަށް ހަރަދު ކުރާއިރު އިންތިހާބީ އަހަރާ ދިމާކޮށް ގެންނަ މުސާރަ ބޮޑު ކުރުމުގެ މި ބަދަލުގެ ސަބަބުން އަންނަ އަހަރު ރާއްޖޭގެ އިގްތިސޯދު "އަނދަވަޅެއްގެ ތުން މައްޗަށް" އަނެއްކާ ވެސް ދިއުމުގެ ފުރުސަތު ކުޑަ ނޫން ކަމަށް މާހިރުން ގަބޫލުކުރެ އެވެ. ސަބަބަކީ ދައުލަތުގެ ހަރަދު އިންތިހާއަށް މަތިވެ، ނުލިބޭ އެއްޗަކުން ހަރަދު ކުރަން ޖެހި، އިތުރަށް ލޯނު ނަގަން ޖެހުމެވެ.
މުސާރަ ބޮޑުވުން ވަގުތީ ކަމެއް ތަ؟
ރާއްޖެ އަށް އާމްދަނީ އިތުރަށް ލިބޭނެ ގޮތެއް އަދި ސަރުކާރަށް ނުދެއްކެ އެވެ. ހަމައެކަނި ކުރާ ކަމަކީ އަހަރެއް ފެށޭއިރަށް ޓެކުހެއް ނެގުމެވެ. އާމްދަނީ ހޯދަން މިހާތަނަށް ކުރަން އުޅުނު ހުރިހާކަމެއް އޮތީ ފެއިލްވެފަ އެވެ. ރިސޯޓެއް ނުހުޅުވުމެވެ. ބިޑުކޮށްގެން ނަގާނެ ބަޔަކު ނުވި އެވެ.
ނަމަވެސް، މިހާލަތުގައި އޮތް ނަމަވެސް ބަޖެޓުން މުސާރަ އަށް ކުރާ ހޭދަ މަތިވުމަކީ ރިކަރަންޓު ހަރަދު ބޮޑު ތަނުން މަތި ވެގެން ދާނެ ކަމެކެވެ. އަދި ދައުލަތުގެ ހަރަދުތައް އިތުރަށް އުފުލޭނެ ކަމެކެވެ. ފާާއިތުވި އަހަރުތަކުގައި ދައުލަތުގެ ހަރަދުތައް ދަނީ އަހަރަކަށް ވުރެ އަހަރެއް އިތުރުވަމުންނެވެ. އެގޮތުން 2007 ވަނަ އަހަރުން ފެށިގެން ފާއިތުވި 15 އަހަރުގެ ތެރޭގައި މި މަތިވުން ހަތަރު ޕަސެންޓަށް އިތުރުވެފައިވެ އެވެ. މި މުއްދަތަށް ބަލާނަމަ ރިކަރަންޓް ހަރަދު އެކަނި ވެސް 10.9 ޕަސެންޓު ވަނީ އިތުރުވެފަ އެވެ. އަދި އަންނަ އަހަރު ތަކަށް ކުރިއަށް ދައްކަނީ ވެސް ބިރުވެރި މަންޒަރު ބޮޑު ކޮށެވެ. މީގެ އިތުރުން މި އަހަރުގެ ބާކީއޮތް ބައިގައި ރާއްޖެ އަށް އިންފްލޭޝަންގެ މައްސަލަ ތަކެއް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ ރާއްޖޭގެ މުދަލުގެ އަގު މަތިވުމުގެ ބަހާތައް ދުނިޔޭގެ ބާޒާރުގައި ފުރިހަމަވަމުން ދިއުމާއި ރާއްޖޭގެ އިގްތިސޯދުގައި ދިވެހި ރުފިޔާ އިންތިހާ އަށް އިތުުރުވެ ރުފިޔާ އަށް އޮތް ޕްރެޝަރު މަތިވުމެވެ.- ނަމަވެސް މިކަން އިންފްލޭޝަން ހިސާބުން ފެންނާނީ ކުޑަކޮށެވެ.
އިގްތިސޯދީ މާހިރަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި އިންފްލޭޝަން ކަލްކިއުލޭޓް ކުރާ ގޮތުން އަގު ބޮޑުވުން ކުޑަކޮށް ދެއްކި ނަމަވެސް ފައިސާ ހިފައިގެން ގަންނަން ދިއުމުން އެކަން ފާހަގަވެ އެވެ/
"އިންފްލޭޝަން ކަލްކިއުލޭޓް ކުރަނީ ވަރަށް ބޮޑަށް ސަބްސިޓީ ފަދަ ބައިތަކަށް ބޮޑު ވެއިޓެއް ދީގެން. އެހެންވީމަ ވާގޮތަކީ އެ ވަރަށް ނުދައްކާ މަތިވާ ތަނެއް،" ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.
އިންފްލޭޝަން ކަލްކިއުލޭޓް ކުރަނީ ވަރަށް ބޮޑަށް ސަބްސިޓީ ފަދަ ބައިތަކަށް ބޮޑު ވެއިޓެއް ދީގެން. އެހެންވީމަ ވާގޮތަކީ އެވަރަށް ނުދައްކާ މަތިވާ ތަނެއްއިގްތިސޯދީ މާހިރެއް
ރާއްޖޭގައި އަގުތައް މަތިވެގެންދާނެ އަނެއް ސަބަބަކީ ދުނިޔޭގެ ބާޒާރުގައި މަތިވަމުންދާ ތެލުގެ އަގުތަކެވެ. ތެލުގެ އަގު މަތިވަމުންދާ ވަރަކަށް ތަކެތީގެ އަގު މަތިވެގެން ދާނެ އެވެ. އަނެއްކާ ދާދި އަވަހަށް ޗައިނާ ހުޅުވުމުގެ ފުރުސަތު އޮތުމާއެކު މިއީ ވެސް ދުނިޔޭގެ އިންފްލޭޝަނަށް އިތުރު ޕްރެޝަރެއް އަންނާނެ ކަމެކެވެ. މިގޮތަށް އަގުތައް މަތިވެއްޖެނަމަ މުދަލުން ބޮޑުވާ އަގު ރާއްޖެ އަށް ލައްގާނެކަން ޔަގީނެވެ. އިންފްލޭޝަން "އިމްޕޯޓް" ވާނެ އެވެ. މި މަންޒަތު މިހާރު ވެސް ފެނެ އެވެ. ކުރި އަށް ރޯދަ މަސް އޮތްއިރު ތަކެތީގެ އަގުތައް މަތިވުމުގެ "ޓްރެންޑެއް" ގައި ހުރި މަންޒަރު ބާޒާރުން ފެނެ އެވެ. ފިޔާ ކިލޯއެއް މިހާރު ލިބެނީ 20ރ. އަށެވެ. އަލުވި، ފިޔާ އަދި، ބިހުގެ އަގު ހުރީ 370ރ. އިން މަތީގަ އެވެ.
އަގު ބޮޑުވުން "އެންމެ ގުޅަކުން"
އަގުތައް މަތިވުމުގެ ކުޑަ މިސާލަކަށް ބަލާނަމަ "ސާޓަނުގޭ ގުޅަ" ނަގާނަމެވެ. މިހާތަނަށް އެ ގުޅަ ވިއްކީ ގުޅައެއް އެންމެ ރުފިޔާ އަކަށެވެ. އެކަމަކު މިހާރު "ސާޓަނު ގެއިން" ވެސް ގުޅައެއް ލިބެނީ 1.25ރ. އަށެވެ. މި ބޮޑުވުމުން ދައްކަނި އިންފްލޭޝަން މައްޗަށް ހިފަމުންދާކަމުގެ ނުތަނަވަސް މަންޒަރެވެ. މި ގުޅަ ހަދަނީ ސަބްސިޑީދޭ ހަނޑުލުގެ އިތުރުން ބާޒާރުން ހޯދާ މަހާއި ފިޔާ އަދި ތެލުންނެވެ. މާނައަކީ ހަނޑުލުގެ އަގު މަތި ނުވިނަމަވެސް "ސާޓަނުގޭ ގުޅަ" އަށް އަޅާ ތެލާއި ފިޔާ އަދި މިރުހުގެ އަގު މަތިވެއްޖެ އެވެ.
"އެންމެ ގުޅައަކަށް" ބެލިނަމަވެސް ފެންނަން އޮތުމަކީ މުސާރަ ބޮޑު ކުރުމުގެ "ފޮނި" ބައިސާއަކަށް ބަދަލުވެދާނެ ކަމުގެ ނިޝާނެކެވެ. އަދި މި އަށްވުރެ ބޮޑެތި އެހެން ތަކެއްޗަށް ބަލާނަމަ އަގު ބޮޑުވުން އިހުސާސްވުން ބޮޑެވެ. ފިހާރަ އަކަށް 100ރ. ހިފައިގެން ދިއުމުން ކުރިން ލިބޭ އެއްޗިއްސާއި މިހާރު ގަނެވޭ އެއްޗިހި އަޅައި ކިރާލުމުން މިކަން "ގެޓު" ވާނެ އެވެ. މިއީ މުސާރަ ބޮޑުވާ ބައި ވައިގެ ތެރެއަށް އަރައިގެން ދާނެކަމުގެ މަންޒަރެކެވެ.
މިހާރު އިގްތިސޯދުން ފެންނަ މަންޒަރުން ދައްކުވައިދޭ ނުތަނަވަސް ކަމަކީ މުސާރަ ބޮޑު ކުރި ނަމަވެސް ރައްޔިތުންނަށް އެކަން ނުފޯރަފާނެ ކަމުގެ ބިރުވެރި މަންޒަރެވެ. ކާބޯތަކެތީގެ އަގު އަތް ފޯރާ ފަށަށް އައުމުގެ ބަދަލުގައި އުފުލުމުގެ ނުތަނަވަސް ރަނގަބީލު ދަނީ ޖަހަމުންނެވެ. މިއީ- ބޮޑުވާ މުސާރަ ޖީބަށް ހީ ވެސް ނުވާނެ ހާލަތެވެ.