މެއި 6، 2021 -- އެރޭގެ ގާތްގަނޑަކަށް އަށްގަޑި ފަންސަވީސް އެހާކަން ހާއިރެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނުގެ އަމިއްލަފުޅު ގެކޮޅު ގ. ކެނެރީގެއިން ނިކުންނަވާ ކާރުކޮޅަށް އަރައިވަޑައިގެންނެވުމަށް ހިންގަވާފައި ވަޑައިގަންނަވަނީއެވެ. ކާރުކޮޅާ ދާދި ގާތުގައި ހުންނަވަނިކޮށް ކުއްލިއަކަށް ވަރުގަދަ ގޮވުމެއް ގޮވީއެވެ. ކުރީގެ އެމެޓީ ފިހާރަ ކައިރީގައި މަޑުކޮށްލައިގެން އޮތް ރައީސް ނަޝީދަށް ހާއްސަ ކާރުކޮޅު ކައިރީގައި ވަރުގަދަ ގޮވުމެއް ގޮވީ ސައިކަލެއްގެ މަޑިދަށުގައި އޮތް އައިއީޑީއެއް ފަދަ އެއްޗެއް ގޮވައިގެންނެވެ.
އެ ގޮވުމުގެ ސަބަބުން ރައީސް މުހައްމަދު ނަޝީދަށް ވަރަށް ބޮޑަށް އަނިޔާވެވަޑައިގެންނެވިއެވެ. ޑޮކްޓަރުން ވިދާޅުވި ގޮތުގައި ފުރާނަފުޅު ސަލާމަތްވީ ހަމަ ކިރިޔާ އެވެ. ނުރައްކާތެރި އެ ހަމަލާއާ ގުޅިގެން ފުޅާ ބޮޑު ތަހުގީގެއް ފެށުނެވެ. ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުުރުމުގެ މަސައްކަތް ފެށުނެވެ. ބޭރުގެ އިންޓެލިޖެންސް އިދާރާތަކާއި ގުޅިގެން ތަހުގީގު އަވަސް ކުުރުމުގެ މަސައްކަތް ފެށުނެވެ.
ފުރަތަމަ ހައްޔަރުކުރީ މއ. ފޭރުގެ މުޖާޒް އަހުމަދު އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދު އެވެ. އެއީ މި ހަމަލާ ދިނުމުގައި އަމަލީ ގޮތުން ބައިވެރިވި ދެ މީހުންނެވެ. އޭގެ ފަހުން ވ. ތިނަދޫ، ހިޔާ، އަދުހަމް އަހްމަދު ހައްޔަރުކުރި އެވެ. މިއީ ބޮން ގޮއްވާލި މީހާ އެވެ. ތަހުގީގަށް އެންމެ ބޮޑަށް ހޯދަން ބޭނުންވި މީހާ އެވެ. އަދި އޭގެ 14 ދުވަސް ފަހުން، ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުމަދު ފާތިހު ހައްޔަރުކުރިއެވެ. އޭގެ ފަހުންވެސް އިތުުރު ބަޔަކު ހައްޔަރުކުރި އެވެ. އެއީ ކ. މާލެ މާފަންނު ކުދެހިގެ އިސްހާގު އާއި ގއ. ވިލިގިލި ހުދުރުވާގެ ފަހުމީ އަލީ އާއި އއ. މާޅޮސް އަސަރީގެ މުހައްމަދު ނާޒިމް އާއި ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު އަދި ހއ. ހޯރަފުށީ އަލަނާސިގޭ މުހައްމަދު ތަސްމީން އެވެ.
މި މީހުންގެ ތެރެއިން ފާތިހު ފިޔަވާ ދެން ތިބި މީހުންގެ މައްޗަށް ދައުވާކުރުމަށް ކޯޓަށް މައްސަލަ ފޮނުވީ ޖުލައި 21، 2021 ގައެވެ. ފާތިހުގެ މައްޗަށް ދައުވާ ކުރެވޭ މިންވަރަށް ހެކި ނެތް ކަަމަށް ނިންމީ އެވެ. ޕީޖީގެ އެ ނިންމުމާއެކު ފުލުހުންގެ ބަންދުން ފާތިހު ވީއްލުނީއެވެ. މީގެ ތެރެއިން ހުކުމަކާ ހަމައަށް ދިޔައީ އަދްހަމްގެ މައްސަލަ އެކަންޏެވެ. އޭނާއަށް 23 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ދެން ތިބި މީހުންގެ މައްސަލަތައް އެކި މަރުހަލާތަކުގައި ކުރިއަށް އެބަ ދެއެވެ.
ހައެއް ފަހެއްގެ ހަމަލާއާ ގުޅޭ ތަފާތު ވާހަކަތައް ފުރަތަމަ ދުވަހުން ފެށިގެން އައީ ދެކެވެމުންނެވެ. ހަމަލާގެ ފަހުން ސަރުކާރުގެ ވެރީންނަށް ވިދާޅުވެވުނު ބައެއް ވާހަކަތަކާއި ގުޅިގެން އެކި ފަހަރުމަތީން އުދާސްގަނޑު ބޮޑުވިއެވެ. ނަޝީދުގެ ފުރާނަފުޅަށް ގެއްލުންވާ ވަރުގެ ކަމެއް ނުވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުމެވެ. ޑިފެންސްގެ އިހުމާލުތަކެއް އޮތް ކަމަށް ބުނެ މިނިސްޓަރު މާރިޔާގެ މައްޗަށް ކުރެވުނު ތުހުމަތުތަކެވެ. ގަައުމާ މުހާތަބު ކުރައްވަން ތައްޔާރުވެވަޑައިގަންނަވަނިކޮށް ރައީސް ހިނިފުޅުވަޑުވާ ވީޑިއޯކޮޅެއް އާންމުންފަދަ އެތައް ކަމެކެވެ.
ނަޝީދުގެ އާއިލާގެ ބޮޑެތި ތުހުމަތުތައް ފުރަތަމަ އޮތީ މިނިސްޓަރު މާރިޔާ އަށެވެ. ސަރުކާރުގެ އެކި ވެރީންގެ މައްޗަށް އެކި މިންވަރަށް އެ ތުހުމަތުތައް ފުޅާކުރައްވަމުން ގެންދެވިއެވެ. ނަމަވެސް "ހަމަލާގައި ސަރުކާރު ބައިވެރިވާ ކަމަށް ގަބޫލު ނުކުރާ ކަމަށް" ނަޝީދު ވިދާޅުވުމުން އެ ތުހުމަތަކަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އަދި މަޖިލީހުގެ އިންކުއަރީއާ މެދު އެމަނިކުފާނުގެ އާއިލާގެ ހިތްހަމަޖެހުން ފާޅުކުރިއެވެ.
އެންމެ ބޮޑު ކަންބޮޑުވުމަކަށް އޮތީ ހައެއް ފަހެއްގެ ހަމަލާއަށް ފަންޑުކުރި ބަޔަކު ނުހޯދި އޮތުމެވެ. ފުލުހުންގެ ތަހުގީގުން ފެންނަ ގޮތުން އެ ހަމަލާއަށް ބަޔަކު ފަންޑު ކުރި ކަމަކަށް ނުބެލެވެއެވެ. ނަމަވެސް ރައީސް ނަޝީދުވެސް އެމަނިކުފާނުގެ އާއިލާވެސް އަދި ވަފާތެރި މެންބަރުންވެސް އެ ވާހަކަތައް ގަބޫލެއް ނުކުރެއެވެ. ފަންޑުކުރި ބަޔަކު ތިބޭނެ ކަމަށް ވިދާޅުވެއެވެ. އެ ބަޔަކު ހޯދުމަށް ކުރާ މަަސައްކަތް ފެންނަނީ ފަނޑުކޮށް ކަމަށް ވިދާޅުވިއެވެ.
އެ ހަމަލާއަށް އެއް އަހަރު ފުރުނީ މިދިޔަ ހުކުރު ދުވަހު އެވެ. އަހަރުވީއިރު އައު ތުހުމަތެއް ވަނީ ފެންމަތިވެފައެވެ. މުޅި މައްސަލައިގެ އަމާޒު ވަނީ ބަދަލުވެފައެވެ. ހީވެސް ނުކުރާފަދަ ވާހަކަތަކެއް ދަނީ އިވެމުންނެވެ. މިއީ ކުރީން ހީކުރެވިފައި ނެތް ވާހަކަތަކެއް ނަމަވެސް ތަހުގީގުގެ ނަތީޖާއަށްފަހު ހަމަޖެހުމެއް ލިބޭނެތޯ އެއީ ކުރީންވެސް އުފެދިފައި އޮތް ސުވާލެކެވެ.
ތަހުގީގުގެ މައުލޫމާތު ފޮރުވާ ކަމުގެ ތުހުމަތު
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހިންގި ތަހުގީގާއި މަޖިލީހުގެ އިންކްއަރީއާމެދު ރައީސް ނަޝީދު ކުރީން އޮތީ ހިތްހަމަޖެހުން ފާޅުކުރައްވާފައެވެ. އަދި އެ ހަމަލާގައި އެއްވެސް ސިފައެއްގައި ސަރުކާރު ބައިވެރިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ރައީސް ނަޝީދުގެ އެ ވާހަކަފުޅު މިހާރު ބަދަލުވެއްޖެ އެވެ. ޓެރަރިސްޓް ހަމަލާގެ ތަހުގީގަށް ލިބުނު ބައެއް މައުލޫމާތުތައް ސަރުކާރުން ސިއްރު ކުރަން މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތު މިހާރު އެމަނިކުފާނު ކުރައްވައެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރަށް އެކަމަށް ވާގިވެރިވާ މަޖިލީސް މެންބަރުން އެބަތިއްބެވިއެވެ. އެއީ އެމްޑީޕީގެ މެންބަރުން ކަމަށްވެސް ވިދާޅުވިއެވެ.
އެއް މެންބަރެއްގެ ނަންވެސް ވިދާޅުވިއެވެ. އެއީ ރައީސް ނަޝީދާ ކުރީން ވަރަށް އަރިސް އަދި މިހާރު ރައީސް ސޯލިހާ ވަރަށް ގާތް ގުޅުމެއް އޮތް ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) އެވެ. އެމަނިކުފާނު ވަނީ އެ ތުހުމަތު ވަރަށް ބޮޑަށް ތިލަކުރައްވާފައެވެ. ފުރަތަމަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންގެ އަރިހުގައެވެ. ފަހުން މަޖިލީސް މެންބަރުންނަށް ހާއްސަ ގުރޫޕްގައެވެ. ހުސައިންއަށް އިޝާރާތް ކުރައްވާ ވިދާޅުވީ މިހާރުވެސް އެމަނިކުފާނުގެ ލޭ އެ ބޭފުޅުންގެ އަތްޕުޅުގައި ހޭކިފައި ހުރި ކަމަށެވެ. ތުހުމަތު އެހާ ބޮޑަށް ތިލަކުރެއްވިއެވެ.
"އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ، މިކަން [މެއި ހައެއްގެ ހަމަލާ] ފޮރުވުމުގައި ސަރުކާރަށް ވާގި ދެއްވާ އެއް ބޭފުޅަކީ އަނދުންގޭ ހުސެއިން. މާތް ރަސްކަލާނގެ ގަންދީ ހުވާކޮށް އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑު މަރާލަން ރޭވި ރޭވުން ފޮރުވަން ސަރުކާރަށް ވާގި ދެއްވާ އެއްބޭފުޅަކީ ތިބޭފުޅާ އާއި އާރުކާޓީ. ހުސައިންގެ އަތް ރަނގަޅަށް ބަލައިލާ. ހުސައިންގެ އަތުގައި މިހާރު ކޭއްތިފައި ތި ހުރީ އަޅުގަނޑުގެ ލޭ،" ނަޝީދު ވިދާޅުވިއެވެ.
ފާތިހުގެ މައްސަލާގައި އައު ތުހުމަތެއް
ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ ފާތިހު ހައްޔަރުކުރީ ބ. ދަރަވަންދޫންނެވެ. އޭނާއަކީ ކުރިން ފުލުހުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ އެ ވަޒީފާއިން ވަކިވީ 2020 ވަނަ އަހަރު އަމިއްލައަށް އެދިގެން ކަމަށް ފުލުހުން ބުނެއެވެ. ފާތިހަކީ ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ހައްޔަރުކުރި ހަތަރު ވަނަ މީހާ އެވެ. އޭނާއަކީ ހަމަލާ ދިނުމުގައި ދެން އުޅުނު މއ. ފޭރުގޭ މުޖާޒް އަހުމަދު ސައިކަލުގައި ގެންދިޔަ މީހާ އެވެ.
މޭ، ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހު ފުލުހުންގެ ބަންދުން ދޫކޮށްލީ ފާތިހަށް މިވަގުތު ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ނިންމެވި ނިންމެވުމާއި ގުޅިގެން އޮގަސްޓް 6، 2021 ގައެވެ.
ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ބައިވެރިވުމުގެ ތުހުމަތަށް ހައްޔަރުކުރި އަހްމަދު ފާތިހު، ފުލުހުންގެ ވަޒީފާއިން ވަކިވި ތާރީހާ މެދުވެސް ރައީސް ނަޝީދު މިހާރު ސުވާލު އުފައްދަވައެވެ. މިއީވެސް އަހަރު ފަހުން މައްސަލައިގެ ތެރެއަށް އުފަންވި އައު ތުހުމަތެކެވެ.
"ފާތިހުއަކީ ފުލުހުންގެ ތެރޭގައި އުޅުނު މީހެއް. އޭނާ މޯލްޑިވްސް ޕޮލިސް ސާވިސް [އެމްޕީއެސް] އިން ވަކިކުރީ ބޮމްގެ ފަހުން،" ނަޝީދު ވިދާޅުވިއެވެ.
ނަމަވެސް ފުލުހުން އެ ތުހުމަތުތަކަށް ރޭ ވަނީ ރައްދު ދީފައެވެ. ދަންވާން ކައިރިވެފައި ވަނިކޮށް ނެރުނު ބަޔާނުގައި ފާތިހުގެ މައްސަލަ ވަރަށް ރަނގަޅަށް ސާފުކޮށްދީފައި އޮތެވެ.
ފުލުހުން ބުނީ ފާތިހުއަކީ މެއި ހައެއްގެ ހަމަލާ ދިންއިރު އަދި ހައްޔަަރުކުރި އިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި މީހެއް ނޫން ކަމަށެވެ. ފާތިހު ފުލުހުންގެ ވަޒީފާއާ ގުޅުނީ ނޮވެންބަރު 25، 2018 ގައެވެ. ފެބްރުއަރީ 3، 2021 ގައި އޭނާ އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގު ކުރެވެމުންދިޔައިރު ތަހުގީގު ހިނގާ ނުހިނގާ ގޮތް ބެލުމަށް އެކުލަވާލެވުނު ހުރިހާ ފަރާތްތަކަކާ ދިވެހި ފުލުހުންގެ ހިދުމަތުން ވާނީ އަހުމަދު ފާތިހުއަކީ ހަމަލާ ދެވުނުއިރު އަދި ހައްޔަރު ކުރެވުނުއިރުވެސް ފުލުހުންގެ ވަޒީފާގައި ހުރި ފަރާތެއް ނޫންކަން ބަޔާންކޮށްފައެވެ. އަދި މި މައުލޫމާތު މީޑިއާތަަކަށްވެސް ކުރީން ވާނީ ފޯރުކޮށްދީފައެވެ،" ނަޝީދުގެ ނަން ވިދާޅުނުވެ އެމަނިކުފާނުގެ ވާހަކަތަކަށް ރައްދީ އެ ވާހަކަތައް ދޮގުކޮށް ފުލުހުން ނެރުނު ބަޔާނުގައިވެއެވެ.
އަބްދުﷲ އަލިމަނިކު ދޫވި މައްސަލަ
އަބްދުﷲ އަލިމަނިކަކީ 10 އަހަރު ދުވަހުގެ ޖަލު ހުކުމެއްގައި ހުއްޓައި އޭނާގެ ހުކުމް ތަންފީޒުކޮށް ނިމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މައާފު ދެއްވި މީހެކެވެ. އޭނާއަކީ ހުކުމް ތަންފީޒު ކުރަން ޖަލުގައި ހުރިއިރު ދެ ބުރެއްގެ މަތިން ޖަލުން ފިލި މީހެކެވެ. ހަލީމް އެ އިޝާރާތް ކުރައްވަނީ އެކަމަށެވެ. މެއި ހައެއްގެ ހަމަލާއާ ގުޅިގެން އަލިމަނިކުގެ މައްޗަށް އުފުލާފައި ވަނީ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރުމުގެ ކުށުގެ ދައުވާއެވެ.
މެއި ހައެއްގެ ޓެެރަރިސްޓް ހަމަލާއަށް ފަންޑުކުރި މީހަކު ނެތިއްޔާ އެ ހަމަލާގެ ތުހުމަތަށް ހައްޔަރު ކޮށްފައިވާ ހއ. މޮޅަދޫ ބަހާރުގޭ އަބްދުﷲ އަލިމަނިކު ޖަލުގައި ހުއްޓާ ދޫކޮށްލި ގޮތް އަދި ސަބަބު ބަލަން މިހާރު މާބޮޑަށް ވެސްް މުހިންމު ވެއްޖެ ކަމަށް ރައީސް ނަޝީދުގެ އަރިސް ބޭފުޅުން މިހާރު ދެކެވަޑައިގަންނަވައެވެ.
އަދި އެ މައްސަލައަށް ކޮންމެވެސް އިދާރާއަކުން ޖަވާބުދާރީވާން ޖެހޭ ކަމަށްވެސް އެ ބޭފުޅުން ދެކެވަޑައިގަންނަވައެވެ.
ހައެއް ފަހެއްގެ ހަމަލާއަށް އެއް އަހަރުވީއިރު އިންސާފު ހޯދުމުގެ ދަތުރު ކުރިއަށް އޮއްވާ މުޅީން އައު ތުހުމަތުތަކެއް މިވަނީ ފެންމަތިވެފައެވެ. މިއީ ހަމައެކަނި ތުހުމަތެއް ކަމަށް ދެކި އެ ވާހަކަތައް ހިންދާލެވެން ނޯންނާނެ އެވެ. އެކަން އެހެން ކޮށްގެންވެސް ނުވާނެ އެވެ. އެހެނީ މި ތުހުމަތުތައް ފެންމަތިކޮށް އިސްވެ އެ ވާހަކަތައް އެ ދައްކަވަނީ ހަމަލާ އަމާޒުވި ރައީސް ނަޝީދު ކަމަށް ވާތީ އެވެ.
ސަރުކާރުގެ ބައެއް ބޭފުޅުން އަދި ރައީސް ނަޝީދުގެ ތުހުމަތުގެ އިނގި އަމާޒުކުރައްވާ ބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮންމެވެސް އެހެން ކަމަކާ ގުޅިގެން ނަޝީދު ހުންނެވީ މާބޮޑަށް ކޯފާއިސްކުރައްވާފައެވެ. އެފަދަ ވާހަކަތައް އެ ދައްކަވަނީ އެހެން ވެގެނެވެ. ނަމަވެސް ނަޝީދު ވިދާޅުވާ ގޮތުގައި އެއީ ކުރައްވާ ތުހުމަތެއް ނޫނެވެ. އަދި އެ ތުހުމަތު އޮތީ ހަމައެކަނި މެންބަރު ހުސައިންނަށް އެކަންޏެއްވެސް ނޫނެވެ. ނަމަވެސް މިވަގުތަށް ހުސައިންގެ ނަން އާންމުކުރެއްވީ އެވެ. ވަގުތު ޖެހުމުން ދެން ހުރި ނަންތައް ހާމަކުރައްވާނެ އެވެ.
އެހެން ކަމުން އިތުރު ތުހުމަތާއި އެ ތުހުމަތުތަކާއެކު މައްސަލައަށް އިތުރު ފުރޮޅުންތައް އަންނާނެ އެވެ. އެއިން ކޮންމެ ތުހުމަތެއް ސީރިއަސްކޮށް ބަލާން ޖެހެއެވެ. އެހެނީ މިވަގުތުގެ ތުހުމަތު އެ އޮތީ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުންނަށެވެ. ދެން އޮތީ އެކުގައި އޮތް ސަރުކާރަށެވެ. ސަރުކާރަށް އޮތީ މައްސަލަ ފޮރުވަން އުޅޭ ކަމުގެ ތުހުމަތެވެ. އެއީ ހަގީގަތެއް ކަމުގައިވާނަމަ މައްސަލަ ފޮރުވަން ސަރުކާރުން އުޅެނީ ކީއްވެ ހެއްޔެވެ. ފޮރުވަން އުޅެނީ ކޮން ކަމެއް ހެއްޔެވެ. ކަމެއް ފޮރުވަން ޖެހެނީ ސަރުކާރުގެ ބައިވެެރިވުމެއް އޮތީމަ ހެއްޔެވެ. ދެން އޮތީ "ނަޝީދުގެ ލޭ މެންބަރުންގެ އަތުގައި ހޭކިފައި" ވާ ކަމަށް ކުރެވޭ ތުހުމަތެވެ. މިއީ އަދި މާ ބޮޑު ތުހުމަތެވެ. އެ ވިދާޅުވަނީ ހަމަލާ ރޭވެވީ އެ މެންބަރުންގެ ބައިވެރިވުން އޮވެގެން ހެއްޔެވެ. ނުވަތަ ހަމަލާގައި ކޮންމެވެސް ސިފައެއްގައި މެންބަރުން ބައިވެރިވަނީ ހެއްޔެވެ.
ނޫނީ ދެން އޮންނާނީ އެ މެންބަރުން އެ ވިދާޅުވާ ހެން ސިޔާސީ ވެގެން ގޮސް "ހެއްދެވުނުހާ ދޮގެއް" ނަޝީދު ހެއްދެވުމެވެ. ބައިބައިވެ ފަޅިފަޅިވެފައި އޮތް އެމްޑީޕީގައި ރިޔާސީ ޓިކެޓަށް ވަރުގަދަ ވާދަވެރިކަމެއް އެބައޮތެވެ. ދެ ލީޑަރުންގެ މެދުގައި އެއް ނުވެވޭނެ މިންވަރަށް ހިޔާލު ތަފާތުވުން އެބައޮތެވެ. ދެ ލީޑަރުންނަށްވެސް މޮޅުވުން މަޖުބޫރު އިންތިހާބެއް މި މަހު 14 ގައި އެބަ އޮތެވެ. އެހެންވީމަ ކުރި ހޯދަން ޖެހުނުހާ ވާހަކައެއް ދައްކަވަނީ ހެއްޔެވެ.
މި ދެ ގޮތުން ކޮންމެ ގޮތެއް އެއީ ހަގީގަތް ނަމަވެސް އަލަށް އުފަންކުރުވި ތުހުމަތުތައް ސީރިއަސްކޮށް ބަލަން ޖެހެެއެވެ. އެ ތުހުމަތުތަކަށް ސާފު ޖަވާބު ދޭން ޖެހެއެވެ. ސާފު ޖަވާބު ލިބެންވެސް ޖެހެއެވެ.