ކްރިމިނަލް ކޯޓް

މޭރީ މަރުވި ދުވަހު ގެއިން އަޑެއް އިވުނު ކަމަށް ހެކިބަސް ދީފި

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުވި ދުވަހު މޭރީގެ ދެމަފިރިން ދިރިއުޅޭ ގެއިން އަޑެއް އިވުނު ކަމަށް ކްރިމިނަލް ކޯޓުގައި މިއަދު ހެކިވެރިއަކު ހެކިބަސް ދީފި އެވެ.

މޭރީ ގްރޭސްގެ މަރާ ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވަނީ މޭރީގެ ފިރިމީހާ މާވިން އެސް.ވައި ވާގަސްގެ އިތުރުން ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާގެ މައްޗަށެވެ.

މާވިންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 19 ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، ފިލިޕީންސަށް ނިސްބަތްވާ އެ ދެމަފިރިން ދިރިއުޅެމުން ދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މޭރީ މަރާލުމާ ގުޅިގެން ނެވެ.

ކްރިމިނަލް ކޯޓުގައި މިއަދުގެ އަޑުއެހުމުގައި ހަތަރު ހެކިވެރިއެއްގެ ހެކިބަސް ނެގުމަށް ކުރިން އޮތީ ހަމަޖައްސާފަ އެވެ. ނަމަވެސް ދެ ހެކިވެރިއަކު ކޯޓަށް ހާޒިރުނުކުރެވުމުގެ ސަބަބުން ނަގާފައިވަނީ އަނެއް ދެ ހެކިވެރިންގެ ހެކި ބަހެވެ.

މާވިން އާއި މޭރީ ދިރިއުޅުނު މއ. އުދުހޭކޮކާގޭގައި ދިރިއުޅޭ އައިޝަތު ވަފާ ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނީ ސްކޫލުން ދަރިފުޅު ގޮވައިގެން ގެއަށް އައީ އެ ދުވަހުގެ މެންދުރު 12:30 ގެ ފަހުން ކަމަށެވެ.

ގޭގެ ސިޑިން މައްޗަށް އެރި ވަގުތު އަޑެއް އިވިގެން އޭނާގެ އަންހެން ދަރިފުޅު އޭނައާ ސުވާލު ކުރި ކަމަށެވެ. ހެކިވެރިޔާ ބުނީ އޭނާއަށްވެސް އަޑެއް އިވުނުހެން ހީވި ކަމަށެވެ. އަޑު އިވުނު ދިމާލަށް ބަލަން މަސައްކަތްކުރި ނަމަވެސް އެއްވެސް މީހަކު ފެންނަން ނެތް ކަމަށް ހެކިވެރިޔާ ބުންޏެވެ.

އުދުހޭކޮކާގޭގައި ދިރިއުޅޭ އަބްދުﷲ ހުމައިދު މިއަދު ކްރިމިނަލް ކޯޓަށް ހެކިބަސް ދިނީ ލ. ގަމު މެޖިސްޓްރޭޓް ކޯޓުގައި ހުރެ އޮންލައިން ކޮށެވެ.

ހެކިބަސް ދެމުން އޭނާ ބުނީ އުދުހޭކޮކާގޭގައި ލިފްޓު ނުހުންނަ ކަމަށެވެ. މޭރީ މަރުވި ދުވަހު ސިޑިން ފޭބި ކަމަށާއި ނަމަވެސް ސީދާ ވަގުތު ބުނަން ނޭނގޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. ހެކިވެރިޔާ ބުނި ގޮތުގައި އެއީ މެންދުރު ސްކޫލު ނިމުނު ވަގުތެވެ.

ސިޑިން ފޭބި ވަގުތު ސިޑިމަތިން އެއްވެސް މީހަކާ ދިމާނުވާ ކަމަށް ހެކިވެރިޔާ ވަނީ ބުނެފަ އެވެ.

ހެކިވެރިޔާ އިތުރަށް ބުނީ އުދުހޭކޮކާގެއަށް ވަދެވޭނީ ޓެގް ބޭނުންކޮށްގެން ކަމަށެވެ.

ގާޒީ ހުސެއިން ފާއިޒު ރަޝާދު ވިދާޅުވި ގޮތުގައި މި މައްސަލައިގެ އަޑުއެހުމެއް މިމަހުގެ އަށްވަނަ ދުވަހު އޮންނާނެ އެވެ.

އުމުރުން 30 އަހަރުގެ މާވިންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. ކުށް ސާބިތުވެއްޖެނަމަ އަސާސީ އަދަބެއްގެ ގޮތުން 10 އަހަރަށް ޖަލަށްލާނެ އެވެ. ނަމަވެސް ހުކުމް ކުރުމުގައި ގާޒީ ނިންމަވާ ގޮތްތަކެއްގެ ސަބަބުން ކުށުގެ އަދަބު ބޮޑުވުމަކީ އޮތް ފުރުސަތެކެވެ.

އުމުރުން 24 އަހަރުގެ ލަމްހާގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެ އެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ އެވެ.