ނިޝާމާ މުހައްމަދުގެ މަރު

ނިޝާމާގެ ޕޯސްޓްމޯޓަމް ހެދުމަށް ނިންމައިފި

ހދ. ނޮޅިވަރަމްގައި މަރުވެފައި އޮއްވާ ފެނުނު ނިޝާމާ މުހައްމަދު (28އ)ގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.

ނިޝާމާގެ މަރުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ މެންދުރު 12:30 ހާއިރު އެވެ.

ނިޝާމާގެ ހަށިގަނޑު އިއްޔެ ވަނީ ނޮޅިވަރަމުން ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފަ އެވެ. ފުލުހުން ވަނީ ނިޝާމާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ބުނެފަ އެވެ.

މަރުގެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ނިޝާމާގެ ފިރިމީހާ، އދ. ފެންފުށި، ރޯޒީ ވިލާ، އަބޫބަކުރު ފައިސަލް ހައްޔަރުކޮށްފަ އެވެ.

ނޮޅިވަރަމުގެ ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި އަންހެން މީހާގެ މަރުގައި ޝައްކުތަކެއް އެބަހުއްޓެވެ.

މަރުވެފައި އޮއްވާ ފެނުނީ ނޮޅިވަރަމްއަށް ނިސްބަތްވާ ތިން ކުދިންގެ މަންމަ އެކެވެ.