ހަބަރު

ރިސޯޓެއްގައި މީހެއްގެ މެޔަށް ވަޅި ހަރައި މަރާލައިފި

އދ. އަތޮޅުގެ ރިސޯޓެއްގައި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީއެއްގައި އެކަކު މަރުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ މިރޭ 9:50 ހާއިރު އެއްލައިދޫ ރިސޯޓްގަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި މާރާމާރީ ހިނގީ ލަންކާ ދެ މީހެއްގެ މެދުގަ އެވެ. މާރާމާރީ ހިނގީ ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށެވެ. އެ މާރާމާރީގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށް މިހާރު އދ. މަހިބަދޫ ހޮސްޕިޓަލަށް ގެންދިޔުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މާރާމާރީގައި ލިބުނު އަނިޔާއާ ގުޅިގެން އެ ރިސޯޓްގެ މެޑިކަލަށް އޭނާ ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން މާރާމާރީ ހިނގި ލަންކާ ދެ މީހުންނަކީ އެ ރިސޯޓްގެ ކޮންސްޓްރަކްޝަން މަސައްކަތަށް ގެނެސް ތިބި ދެ މީހުންނެވެ. މާރާމާރީ ހިނގީ ދެ މީހުންގެ ދެމެދުގައި ޖެހުނު މައްސަލައެއް ހޫނު ވެގެންނެވެ.

މާރާމާރީގައި ވަޅި ގެންގުޅުނީ އެކަކެވެ. ވަޅިން އޭނާ ހަމަލާދިންއިރު އޭނާއަށް އެއްވެސް އަނިޔާއެއް ނުލިބެ އެވެ. އެ މާރާމާރީއަށްފަހު އެމީހާ ފިލައިގެން އުޅެނިކޮށް އޭނާ ވަނީ އެ ރިސޯޓްގެ އެހެން މުވައްޒަފުން ވެގެން ހިފަހައްޓާފަ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މަހިބަދޫގެ ފުލުހުން އެ މައްސަލަ ތަހުގީގު ކުރުމަށް އެ ރިސޯޓަށް ދަނީ ދަތުރުކުރަމުންނެވެ.