ހަބަރު

މާލޭގައި ވެސް ޒުވާނަކު މަރުވެފައި އޮތްވާ ފެނިއްޖެ

މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ. މަރުވެފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޒުވާނަކު މަރުވެފައި އޮތް ފެނުނީ މ. ރަމާގުލްޝަން ކިޔާ ގެއަކުންނެވެ. އޭނާ މަރުވީ ކިހިނެއްވެގެން ކަމެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލަ ފުލުހަށް ވަނީ ހުށަހަޅާފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ މިއަދު ހަވީރު 4:30 ހާއިރު ކަމަށާއި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.

މާލޭގައި ޒުވާނަކު މަރުވެފައިވާއިރު ރޭ ހުޅުމާލޭގައި ވެސް ޒުވާން އަންހެނަކު ގޮތް ނޭނގޭ ގޮތަކަށް ވަނީ މަރުވެފަ އެވެ.

ހަތާވީސް އަހަރުގެ އެ އަންހެން މީހާ މަރުވި މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ހަށިގަނޑުގެ ބޭރު ފުށުން އެއްވެސް އަނިޔާގެ ނިޝާނެއް ނެތެވެ.