ހަބަރު

އަފްރާޝީމްގެ މަަރާގުޅޭ ވީޑިއޯއެއް: ދެ މީހަކު ހޯދަނީ

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅޭ ވީޑިއޯއެއް މަރުތަކާ ބެހޭ ކޮމިޝަނުން އާންމުކޮށް އެއިން ފެންނަ ދެ މީހަކު ހޯދުމަށް އާންމުންގެ އެހީއަށް އެދިއްޖެ އެވެ.

ގޮތް ނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުން އަފްރާޝީމްގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާއިރު މިއަދު އެ ކޮމިޝަނުން އާންމުކުރި ވީޑިއޯއަކުން ފެންނަނީ ދެ ސައިކަލެއްގައި ހަރަކާތްތެރިވި ދެ ޒުވާނެކެވެ.

ކޮމިޝަނުން ބުނި ގޮތުގައި އެއީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުގެ ރޭގެ މަންޒަރެކެވެ. އެއީ ޑރ. އަފްރާޝީމް އަނިޔާވެރި ގޮތަކަށް މަރާލި ރެ އެވެ. ވީޑިއޯއިން ފެންނަނީ އަމީނީ މަގުގައި ހުންނަ ސްޓެލްކޯ އިމާރާތުގެ ކުރިމަތިން ކްރަސްޓީސް ރެސްޓޯރެންޓްގެ ހުޅަނގުގައި ހަރަކާތްތެރިވި ބައެކެވެ.

އަފްރާޝީމް ދިރިއުޅުއްވި ގެ ހުންނަނީ އެ ހިސާބުގަ އެވެ. އޭނާއަށް އެތައް ހަމަލާއެއްދީ މަރާލާފައި އޮތްވާ ފެނުނީ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.

ކޮމިޝަނުން ވަނީ އެ ދެ މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ހުރި މީހެއްވާނަމަ އެ ކޮމިޝަނަށް އެންގުމަށް އެދިފަ އެވެ. އާންމުކޮށްފައިވާ ވީޑިއޯއަކީ އެހާ ސާފު ވީޑިއޯއަކަށް ނުވާތީ އޭގެން ފެންނަ މީހުން ވަކިކުރަން އުނދަގުލެވެ.

ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި މީގެކުރިން ބަޔަކު ހައްޔަރުކުރި އެވެ. ނަމަވެސް ޝަރީއަތް ހިންގައި ކުށް ސާބިތުވީ އެންމެ މީހަކަށެވެ. އެއީ ހުސެއިން ހުމާމަށެވެ. އޭނާއަށް ސުޕްރީމް ކޯޓުން ވެސް މިހާރު ވަނީ މަރުގެ އަދަބު އިއްވާފަ އެވެ.

އަނިޔާވެރި ގޮތަކަށް ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލާގެ އިތުރުން 24 މައްސަލައެއް އެ ކޮމިޝަނުން ދަނީ ބަލަމުންނެވެ. ކުރިއަށް އޮތް ތިން މަސް ތެރޭގައި އެ މަރުތަކުގެ ހަގީގަތް ހޯދާނެ ކަމަށް ވަނީ ބުނެފަ އެވެ.