ހަބަރު

މިރޭ 12 އިން ފެށިގެން ހެލްމެޓް އެޅުން މަޖުބޫރު

ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދުއްވާ މީހުން ހުއްޓުމުގެ މަސައްކަތް ފުލުހުން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އަވަސް އަށް ވިދާޅުވީ މިރޭ 12:00 އިން ފެށިގެން ހެލްމެޓް ނާޅައި ބްރިޖާއި ހައިވޭގައި ދުއްވުމަކީ މަނާކަމެއް ކަމަށެވެ.

"ފުލުހުން ޗެކް ކުރަން ފަށާނެ. ނަމަވެސް ޖޫރިމަނާކޮށް ފިޔަވަޅު އަޅަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން. އެއީ ހެލްމެޓުގައި ހުންނަން ޖެހޭ މިންގަނޑުތައް އެންގުމުގެ ކުރިން ތަފާތު ހެލްމެޓް ވަނީ މީހުން ގެނެސްފައި. އެހެންވެ އެ ފަރާތްތަކަށް މި ގަވާއިދުގައި ބުނާ ހެލްމެޓަށް ބަދަލު ކުރަން ފުރުސަތު ދިނުމުގެ ގޮތުން ޖޫރިމަނާ ކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން،" އާދިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖޫރިމަނާ ނުކުރިނަމަވެސް، ގަވައިދަށް ނުފެތޭ ހެލްމެޓް އަޅައިގެން ބްރިޖަށް އަރާ މީހުންގެ ނަން ނޯޓް ކުރުން ފަދަ ކަންކަން ފުލުހުން ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހެލްމެޓް އަޅަން ޖެހެނީ 30 ކިލޯ މީޓަރަކަށް ވުރެ ބާރަށް ދުއްވުމުގެ ހުއްދަ އޮންނަ ތަންތަނުގައި ކަމަށެވެ.

"ބްރިޖަށް އަރަން މި އަންނަނީ ރިންގް ރޯޑުން އެހެންވެ އެތަނުގައި ވެސް ހެލްމެޓް އަޅަން ޖެހޭ. އަނެއްކާ ބްރިޖް ހައިވޭއިން ހުޅުމާލެ އަށް ދާން އޮންނަ ބޮޑު މަގުގައި ވެސް ހެލްމެޓް އަޅަން ޖެހޭނެ،" އާދިލް ވިދާޅުވި އެވެ.

ބްރިޖާއި ހައިވޭގައި ބޮޑެތި އެކްސިޑެންޓްތަކެއް ހިންގައި މީހުންނަށް އަނިޔާވަމުންދާތީ ޓްރާންސްޕޯޓް މިނިސްޓްރީން ހެލްމެޓް އަޅަން މަޖުބޫރު ކުރަން ނިންމައި، ހެލްމެޓް ހުންނަން ޖެހޭ އުސޫލުތަކެއް ވެސް ވަނީ ކަނޑައަޅާފަ އެވެ.

އިންޖީނުލީ އެއްގަމު އުޅަނދު ދުއްވަންވީ ދުވެއްޔާބެހޭ ގަވާއިދަށް ގެނައި އިސްލާހުގައި އިސްލާހަކާއެކު، 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވަން ހުއްދަ ކޮށްފައިވާ ސަރަހައްދުތަކުގައި ސައިކަލްގެ ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް އަޅަން ޖެހޭނެ ކަމަށެވެ. އަދި އުމުރުން ދެ އަހަރުން މަތީގެ ކުޑަކުދިންވެސް ސައިކަލްގެ ކުރިއަށް ނުވަތަ ފަހަތަށް އަރުވާނަމަ ހެލްމެޓް އަޅުވަން ޖެހޭނެ ކަމަށް ގަވާއިދުގައި ވެ އެވެ.

ހެލްމެޓްގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ސައިކަލް ދުއްވާއިރު އެކަމަށް ހާއްސަ ހެލްމެޓަކަށްވެފައި ބޮލަށް ހެޔޮވަރު ވާން ޖެހޭނެ ކަމަށާއި ހެލްމެޓްގައި ދަތްދޮޅި ދަށުގައި ހަރުކުރެވޭ ގޮތަށް ކަމަރެއް އިންނަން ޖެހޭނެ ކަމަށެވެ. އަދި ދަތްދޮޅި ދަށަށް އިންނަ ކަމަރަކީ އެކަތި ގަނޑަކަށް ހުންނަ ކަމަރަކަށްވުމާއި ހެލްމެޓާއި އޭގައި ބޭނުންކޮށްފައިވާ ކަމަރުގައި އެއްވެސް ތޫނު އެއްޗެއް ނުވަތަ ތޫނު ތަނެއް ނުވަތަ ޖޮއިންޓެއް ހަރުކޮށްފައި ހުރެގެން ނުވާނެ ކަމަށެވެ.

ޓިންޓެޑް މެޓީރިއަލް ނުވަތަ ކުލަ މެޓީރިއަލް ބޭނުންކޮށްފައިނުވާ ހެލްމެޓަކަށް ނުވުމާއި ހެލްމެޓުގައި ހަރުކޮށްފައި ހުންނަ ސްކުރީނަކީ މޫނުފެންނަ މެޓީރިއަލަކުން ހަދާފައި ހުންނަ ސްކްރީނަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ހެލްމެޓްގެ ކުލައަކީ ލޮލަށް އުނދަގޫނުވާ ކުލައަކަށްވުމާއި ކާކުކަން ނޭންގޭ ގޮތަށް މޫނުގެ އެއްބައި ފޮރުވައި މީހުންނަށް އޮޅޭ ގޮތަށް ހެލްމެޓް ނޭޅުމަށްވެސް ޝަރުތުތަކުގައި ހިމެނެ އެވެ.

ގަވާއިދުތަކާއި ހިލާފްވެއްޖެނަމަ ފުރަތަމަ ފަހަރަށް 500 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރަށް 750 ރުފިޔާއިން އަދި ދެފަހަރަށްވުރެ ގިނަވާ ކޮންމެ ފަހަރަކު 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެ އެވެ. އަދި ނުރައްކާތެރިކޮށް ނުވަތަ ފަރުވާ ކުޑަކޮށް ދުއްވައިގެން މީހަކަށް ގެއްލުމެއް ވެއްޖެނަމަ، އެމީހަކަށް ބަދަލު ދިނުމުގެ އިތުރުން 10 އަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށްވެސް ގަވާއިދުގައި ބުނެފައި ވެއެވެ. މީގެ އިތުރުން މީހެއްގެ ހަށިގަނޑަށް ނުވަތަ ފުރާނައަށް ގެއްލުންވާގޮތަށް ދުއްވައިފިނަމަ އެއް އަހަރު ނުވަތަ ދެއަހަރު ދުވަހަށް ލައިސެންސް ހިފަހައްޓާނެ ކަމަށެވެ. އަދި އެގަވާއިދުގައި ކަނޑައަޅާފައިނުވާ ކަމަކާވެސް ހިލާފްވެއްޖެނަމަ 750 ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު ލިބިގެންވާ ކަމަށް ގަވާއިދުގައި ވެއެވެ.