ރިޕޯޓް

އަލްޝާލީ އިން ޒުވާނުންނަށް ސަޅި ފިޝިން ލޯންޗެއް

Oct 25, 2019
3

ނައިޓް ފިޝިން އަށް ގިނަ ބަޔަކު ޝައުގުވެރިވެ އެވެ. އަދި މަސް ބޭނުން އެއަށް ވުރެ މައްޗަށް ޖައްސާލާނަމަ ބަދަލުކޮށްލަނީ "ބިގް ގޭމް" ފިޝިން ނަށެވެ. "ކެޗް އެންޑް ރިލީޒް" މަސްވެރިކަމަށެވެ. ނޫނީ ވަދުއަޅައިގެން މަސް ބޭނުމަށެވެ. މިހާރު މި ގޮތަށް މަސްވެރިކަން ކުރަން އުޅަނދު ފަހަރު ގެންގުޅޭ ޒުވާނުން ގިނަ އެވެ. އެހެންވެ އަލްޝާލީ މެރިން މޯލްޑިވްސް އިން މި ފަހަރު މިވަނީ ޒުވާނުން ނަށް ކަމުދާ ހިތްގައިމު ލޯންޗެއް ދައްކާލާފަ އެވެ. މަސްވެރިން ޕާކް ސަރަހައްދުގައި ކުރިއަށްދާ މެއިން އެކްސްޕޯގައި އެ ލޯންޗު ދައްކާލަން ބަހައްޓާފައިވެ އެވެ.

"ތަފާތު ލޯންޗެއް މިއީ. ލޯންޗުގެ ތަފާތަކީ އިންޖީނު މަތީގައި ޑޭ ބެޓެއް [އަރާމު ކޮށްލާނެ އެނދެއް] ހަދާފައި ހުރުން،" އަލްޝާލީ މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވި އެވެ.

"އެކްޝަން 24" ގެ ނަން ދީފައިވާ މި ލޯންޗަކީ އާއިލާ އެއްކޮށް މަސް ދަތުރު ގޮސްލެވޭ ގޮތަށް ފައްކާ ކޮށްފައިވާ އުޅަނދެކެވެ. ފަހަތުގައި ދޮށި ހަރުކޮށްފައިވާ މި ހިތްގައިމު ލޯންޗު ކުޑަ ނަމަވެސް، މީގައި ފާހާނާ ހުރެ އެވެ. އެހެންވެ މިއީ އާއިލާ އެއްކޮށް ދަތުރު ގޮސް އުޅެލާއިރު އިތުރު ފަސޭހައަކަށް ވާނެ އެވެ. ދުއްވަން އިންނަ މީހާއާ ދިމާ ހިޔާކޮށްފައިވާ މި ލޯންޗުގެ އަގަކީ އިންޖީނާއި ފުލް އިކްއިޕްމަންންޓާއެކު ގާތްގަނޑަކަށް ނުވަ ލައްކަ ރުފިޔާ އެވެ. އަލްޝާލީ މެރިން އިން ދަނީ އެ ކުންފުނީގެ އުޅަނދު ފަހަރު ބަންނަން އަންނަ ކަސްޓަމަރުންނަށް ތަފާތު ފައިނޭންޝަލް ސްކީމްތަކާއި އޮޕްޝަންތައް ދެމުންނެވެ. މި ލޯންޗު ވެސް މި ސްކީމްތަކުގެ ތެރެ އަށް ފެތޭނެ އެވެ.

މިއަދު 2:00 އަށް މެރިން އެކްސްޕޯ ހުޅުވާއިރު، މަސްވެރިންގެ ޕާކު ސަރަހައްދަށް ގޮސް ލޯންޗު ބަލައިލުމުގެ ފުރުސަތު އޮންނާނެ އެވެ.

މެރިން އެކްސްޕޯގެ ބޯޓްޝޯގައި، އަލްޝާލީ އިން ވަނީ ގިނަ އެވޯޑު ތަކެއް ލިބިފައިވާ އައިލެންޑް ހޮޕާ 50 ވެސް ދައްކާލަން ބަހައްޓާފަ އެވެ. މިއީ ޑައިވިން އާއި އެކްސްކާޝަން އަށް ހާއްސަ އުޅަނދެެކެވެ. މީގެ އިތުރުން ދައްކާލަން ބާއްވާފައިވާ އަނެއް އުޅަނދަކީ އޭސް 47 އެވެ. މިއީ ފަސިންޖަރުން އުފުލަން ކުރިން ނެރުނު އުޅަނދެކެވެ. ނަމަވެސް އެ ކުންފުނީގެ މީގެ ކުރިން ނެރެފައިވަނީ އެއާކޯން އުޅަނދެކެވެ. މި ފަހަރު ދައްކާލަން ބަހައްޓާފައި މިވާ އުޅަނދުގައި 63 މީހުން އުފުލޭއިރު މިއީ ފުޅާވަމުންދާ ދަތުރުފަތުރުގެ ހިދުމަތަށް ހާއްސަކޮށް ނެރެފައިވާ އެއާކޮންޑިޝަން ނުކުރާ ލޯންޗެކެވެ. ދެން އޮތީ ކޯސްޓް ކްރާފްޓް 38 ޕްލަސް އެވެ. މި އުޅަނދަކީ އެ ކުންފުނިން އެންމެ ފަހުން މާކެޓަށް ނެރުނު ލޯންޗް އެވެ.

ޝަރީފު ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ވީހާވެސް ގިނަ ބަޔަކު އައިސް އެ ކުންފުނީގެ އުޅަނދު ފަހަރު ބަލައިލުން ކަމަށެވެ.

"ޕަބްލިކަށް ރަނގަޅު ފުރުސަތެއް މިއީ އައިސް ބަލައިލަން. ޝޯ ތެރެއަކުން ވިޔަފާރި އަންނާނެ ކަމަކަށް ނުބަލަން. ހަމައެކަނި ބޭނުންވަނީ ދައްކާލަން،" ޝަރީފު ވިދާޅުވި އެވެ.

ތިލަފުށީގައި އުޅަނދު ފަހަރު ބަންނަ ދުބާއީގެ މި ކުންފުނީގެ މި އުޅަނދުތައް މަސްވެރިން ޕާކު ސަރަހައްދަށް ގޮސް ބަލައިލެވޭނެ އެވެ. ހަމަ ގައިމުވެސް މިއީ އުޅަނދެއް ހޯދަން ބޭނުންވާ މީހުންނަށްވެސް ލިބިގެންދާނެ ފުރުސަތަކަށް ނޫނީ ނުވާނެ އެވެ.