ހަބަރު

ގާޒީންނަށް އަދުރޭ އިންޒާރު ދިން މައްސަލަ ފުލުހަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ހުކުމް އިއްވި ގާޒީންނަށް އަވަގުރާނަ ގޮވައި، އެ ގާޒީން ޖަލަށްލާނެ ކަމަށް ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވި މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އިން ފުލުހަށް ހުށަހަޅައިފި އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވުމާ ގުޅިގެން އެކަމާ ނުރުހުންވެ، ޓީވީއަކަށް އިންޓަވިއުއެއް ދެއްވަމުން އަދުރޭ ވަނީ ފަސް ގާޒީންނާ ދިމާލަށް އަވަގުރާނަ ގޮވާފަ އެވެ. އަދި އެ ގާޒީން ޖަލަށް ލާނެ ކަމަށް އިންޒާރު ވެސް ދެއްވާފައިވެ އެވެ.

ޑީޖޭއޭގެ ފަރާތުން މައުލޫމާތު ދެއްވަމުން ފައިސަލް އާދަމް ވިދާޅުވީ އެ ވާހަކަތަކަކީ ކޯޓާއި ފަނޑިޔާރުންގެ ހުރުމަތް ކަނޑާލުމަށް ދައްކާފައިވާ ވާހަކަތަކަކަށްވާތީ އެ މައްސަލަ މިއަދު ޑީޖޭއޭގެ ފަރާތުން ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.

ކޯޓުގެ ހުރުމަތް ކަނޑާ މައްސަލަތަކަކީ އެ ކޯޓަކަށް އަމިއްލަ އިސް ނެގުމަކަށް ވެސް ބެލޭ ފަދަ މައްސަލަތަކެކެވެ. އޭގެއިތުރަށް ފުލުހަށް ހުށަހަޅައި ތަހުގީގު ހިންގައި ދައުވާ ވެސް ކުރެވޭ ފަދަ މައްސަލަތަކެކެވެ. ޑީޖޭއޭއިން މިފަހަރު އިހްތިޔާރުކުރީ ފުލުހަށް އެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށެވެ.

މިފަހުން ވެސް ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑައަޅައިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް 15 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް އައީ މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވުމާ ގުޅިގެންނެވެ. އެ ދައުވާ ސާބިތުވުމަށް ބޭނުންވާ ދެ އުންސުރު ވެސް ފުރިހަމަވާ ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމްގައި މިއަދު ކަނޑައެޅި އެވެ.