ހަބަރު

ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލައިފި އެވެ. މަރާލާފައިވަނީ މާލޭ ދަފްތަރުގައި ރަޖިސްޓްރީ އޮންނަ 59 އަހަރުގެ ހަސަން ގާސިމް ކިޔާ ދިވެހި ފިރިހެނެކެވެ.

ނުރައްކާތެރި ހަމަލާއެއްދީ މަރާލާފައިވާ ހަސަން ގާސިމަކީ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ އިބްރާހިމް ހަސަން (ލަކުޑި ސޭޓް)ގެ އެއްބަނޑު ކޮއްކޮއެކެވެ.

އޭނާއަށް ހަމަލާދިނުމުން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާސިޔާ ސޯލިހު ވިދާޅުވި ގޮތުގައި އެމީހާ ހޮސްޕިޓަލަށް ގެނައީ 9:20 ހާއިރު އެވެ. ގެނައިއިރު އޭނާގެ ކަރުގަ އާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށެވެ.

ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް އޭނާ މަރުވެފައިވަނީ 9:51 ހާއިރު ކަމަށް އާސިޔާ ވިދާޅުވި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރާލި މީހާއަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާއަށް ހަމަލާދީފައިވަނީ ގުރޫޕަކުންނެވެ. ނަމަވެސް މި މާރާމާރީ ހިނގި ސަބަބެއް ސާފެއް ނުވެ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިރޭ ވިދާޅުވީ ޓެކްސީ ޑްރައިވަރު މަރާލި މައްސަލަ ސީރިއަސް ކްރައިމް ޑިޕާޓްމެންޓުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި ފޮރެންސިކާ ގުޅިގެން މިކަން ހިންގި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމުގައި އާންމުންގެ އެހީއަށް ވެސް ކޮމިޝަނާ ވަނީ އެދިވަޑައިގެންފަ އެވެ.