ވިޔަފާރި

މަސްވެރިކަމުގެ ސާމާނާއެކު އަލްޝާލީ ފިޝަރީޒް އެކްސްޕޯގައި

އަލްޝާލީ މެރިން މޯލްޑިވްސްއަކީ ކަނޑު އުޅަނދު އުފެއްދުމަށް އެންމެ ތަޖުރިބާކާރު އެއް ކުންފުންޏެވެ. އެ ކުންފުނި ހާއްސަވެފައި އޮންނަނީ "ޓޯޓާލް ސޮލިއުޝަން" ލިބޭ ފަރާތެއްގެ ގޮތުގަ އެވެ. އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) އިން ދަނީ މިހާރު ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކުރިއަށްދާ ފިޝަރީޒް އެކްސްޕޯގައި ބައިވެރިވަމުންނެވެ.

މަސްވެރިންގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ހިންގާ ހަރަކާތްތަކުގެ ބައެއްގެ ގޮތުން ކުރިއަށްދާ "ފިޝަރީޒް އެކްސްޕޯ" ގައި މަސްވެރިންނާ ގުޅުންހުރި އުފެއްދުންތަކާއި މަސްވެރިކަމުގެ އުފެއްދުންތައް ދައްކާލަން ބަހައްޓާފައިވެ އެވެ. މި އެކްސްޕޯގައި އިއްޔެ ހުޅުވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެވެ.

ފިޝަރީޒް އެކްސްޕޯގައި އަލްޝާލީ މެރިން އިންވަނީ އެ ކުންފުނިން ވިއްކާ އުޅަނދުތަކާއި އެ ކުންފުނިންދޭ ހިދުމަތްތަކުގެ މައުލޫމާތު ދެމުންނެވެ. މީގެ ކުރިން ޓޫރިޒަމްގެ ބޮޑެތި ފެއާތަކުގައި ބައިވެރިވަމުން ދިޔަ މި ކުންފުނިން މިފަހަރު މަސްވެރިންނާ ހަމައަށް އައިއިރު ޒަމާނީ މަސްވެރިކަމަށް ހާއްސަ އުޅަނދެއް ދާދިފަހުން ވަނީ ނެރެފަ އެވެ.

ރާއްޖެ އަށް މަސްވެރިކަމުގެ ޒަމާނީ ވައްތަރުތައް ތައާރަފުވަމުންދާއިރު، ޒުވާން މަސްވެރިންނަށް އަލްޝާލީ މެރިންއިން ގެނެސް ދިން އެކްޝަން 24 ވެގެންގޮސްފައިވަނީ ޝައުގުވެރި އުޅަނދަކަށެވެ. މީގެ އިތުރުން ރާއްޖޭގައި ފުޅާވަމުންދާ ކަނޑުގެ ޓްރާސްޕޯޓު ވިއުގަޔަށް ހާއްސަކޮށް އެ ކުންފުނިން ވަނީ ކޯސްޓް ކްރާފްޓް 38 ޕްލަސް ގެ ނަމުގައިވެސް އުޅަނދެއް ނެރެފަ އެވެ.