ހަބަރު

ދޫކޮށްލަން ޖެހުނު މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ އާ އުސޫލުގެ ދަށުން އަމަލު ކުރުމުގެ ގޮތުން ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ކުށުގެ ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލަން ޖެހުނު މީހާ ބަންދު ކުރުމަށް މިއަދު ކުރިމިނަލް ކޯޓުން އަމުރެއް ނެރެފި އެވެ.

އިއްޔެ ވެސް ފުލުހުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް އެދިފަ އެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ ދަށުންނެވެ. ނަމަވެސް ހައިކޯޓުގެ މިފަހުގެ ނިންމުމަކަށް ރިއާއަޔަތްކޮށް އިއްޔެ އެ އަމުރު ނެރެނުދިނީ އެވެ.

ހައިކޯޓުން މިފަހުން ކަނޑައަޅާފައިވާ ގޮތުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ ބޮޑެތި ކުށްތައް ފިޔަވައި އެހެން ކުށްތަކުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުން، 15 ދުވަހަށްވުރެ އިތުރަށް ބަންދު ކުރުމަކީ ގާނޫނު ދަންނަ ކަމެއް ނޫންނެވެ. ޖިންސީ ކުށްތައް ބޮޑެތި ކުށްތަކުގެ ތެރޭގައި ނުހިމެނެ އެވެ.

ކުޑަކުއްޖަކާމެދު ޖިންސީ އަމަލެއް ހިންގުމުގެ ތުހުމަތުވާ މީހަކު ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ވެސް ލިބިފައިވާ ކަމަށެވެ. ނަމަވެސް ކުށަކީ ބޮޑު ކުށަކަށް ނުވާތީ، ބަންދުގައި އިތުރަށް ބެހެއްޓެން ނެތް ކަމަށެވެ. އޭނާގެ މައްޗަށް ކިތަންމެ ސީރިއަސް ތުހުމަތުތަކެއް ކުރެވުނު ނަމަވެސް ބަންދު އިތުރުކޮށް ދެވެން ނެތްކަން ހައިކޯޓުގެ ހުކުމަށް ރިއާޔަތްކޮށް އަމުރުގައި ބުންޏެވެ.

މިއަދު އަނެއްކާވެސް އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށް ދިނުމަށް ކުރިމިނަލް ކޯޓަށް ހުށެހެޅި އެވެ. މިއަދު އޭނާ ބަންދުކޮށްދިނުމަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގެ (ށ)ގެ ދަށުން މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކަ އެވެ.

އެ މާއްދާގެ ދަށުން ކުރިމިނަލް ކޯޓުން މިއަދު ވަނީ ޖިންސީ ކުށުގެ ތުހުމަތުވާ މީހާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރެދެއްވާފަ އެވެ.

އެމީހާ ދޫވި މައްސަލާގައި ކޯޓަށާއި ފުލުހަށް އަދި ރައްޔިތުންގެ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި އެވެ. ކޮމިޓީގެ ސަމާލު ކަމަށް ވެސް އެކަން ދިޔަ އެވެ.

އާންމު ގިނަ ބަޔަކު ގޮވާލާފައިވަނީ ޖިންސީ ކުށްތަކުގެ މައްސަލައަކީ ބޮޑެތި ކުށްތަކެއް ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހު ފާސްކުރުން އަވަސް ކުރުމަށެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ މިހާރު ގާނޫނުގެ އިޖުރާއަތްތައް އޮތް ގޮތުން ވެސް އެމީހާ ޝަރީއަތް ނިމެންދެން ބަންދު ކުރެވޭނެކަން ފާހަގަ ކުރައްވައި ފުލުހުން ގާނޫނަށް އިތުރަށް އަހުލުވެރިވުމަށް ގޮވާލައްވާފަ އެވެ.