ރިޕޯޓް

އުތުރަށް އިންވެސްޓްތަކެއް، އިތުރު ސުވާލުތަކެއް!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެން ރާއްޖެއަށް ފޮރިން އިންވެސްޓްމަންޓް އިތުރު ކުރާނެ ކަމަށް ވިދާޅުވި އެވެ. އެގޮތުން ކުރީ ސަރުކާރުން ރާއްޖޭން ބޭރުގައި ބޭއްވިއިންވެސްޓްމަންޓް ފޯރަމް ގެ ބަދަލުގައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ބައިވެރިވުމާއެކު އުންމީދުން ފުރިގެންވާ ޕާޓްނާޝިޕް ފޯރަމް އެއް ބޭއްވި އެވެ. އޭގެ ބޭނުމަކީ ރާއްޖެ އަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރު ކުރުމެވެ. ފޯރަމް ބޭއްވިފަހުން ދެ އަހަރު ވާން ދާއިރު، މި ފޯރަމުން ފައްކާވި މޭވާއެއް ލިބުނު ފޮންޏަކީ ކޮބައިތޯ ސަރުކާރުން މިހާތަނަށް ބުނެދީފައެއް ނުވެއެވެ. ނުބުނެ ދިނަސް ލޯމައްޗަށް ފެންނަވަރު ކަމެއް އައިސްފައެއް ނުވެއެވެ.

އޭގެ ފަހުން ސަރުކާރުން ފޮރިން "އިންވެސްޓްމަންޓް" މި ލަފުޒު ވެސް ބޭނުން ކޮށްފައިވަނީ ވެސް މަދު ފަހަރަކު އެވެ. މި ވާހަކަ ބައްވާފައި ސަރުކާރުބް ދެން ކުރި ކަމަކީ ރިސޯޓު ހަދަން އާ ރަށް ތަކެއް އިއުލާނު ކުރުމެވެ. އާއްމުންގެ ހިޔާލު ހޯދުމާއި ތިމާވެށީގެ ދިރާސާ އެއް ހިމަނައިގެން މުޅި ރާއްޖޭން އަތް ފުނާ އަޅައިގެން 29 ރަށެއް ސަރުކާރުން ވަނީ ރިސޯޓު ހަދަން ކަނޑައަޅާފަ އެވެ. އެކަމަކު އެކަން ކުރިތާވާ ވެސް އަހަރަކަށްވުރެ ގިނަ ދުވަސްވީއިރު މި ރަށްތައް ބިޑަށް ލާފައެއް ނުވެ އެވެ.

މި ރިސޯޓުތައް ބިޑު ނުކުރެވިގެން އުޅެނިކޮށް ކޮވިޑް-19 އިގެ ބަލި ދުނިޔެއާ ލައްވާލައި ރާއްޖޭގެ ހަފޮޅުގެ ތެރެއިން ވައިރަސް ވެނެވެ. އޭގެ ފަހުން އިންވެސްޓްމަންޓް ފުރުސަތުގެ ވާހަކަ ސަރުކާރަކުން އަމުދުން ނުދައްކަ އެވެ. މުޅީންވެސް ދައްކަނީ ކޮވިޑުގެ ވާހަކަ އެވެ. މިހެން ތިބެފައި ކުއްލި އަކަށް އިންވެސްޓްމަންޓް ފުރުސަތުތަކެއް މިވަނީ އިއުލާނުކޮށްފި އެވެ. މި ފަހަރު ފުރުސަތު އިއުލާނު ކުރީ ސްޓްރެޓިޖިކަލީ ގޮތުން ބަލާނަމަ ރާއްޖޭގެ އެންމެ މުހިންމު އެއް ސަރަހައްދު ކަމަށްވާ އިހަވަންދިއްޕޮޅަށް އަމާޒުކޮށެވެ. ނޫނީ އުތުރަށެވެ. ޓޫރިޒަމް މިނިސްޓްރީގެ ޓުވިޓަރުން އެއް ރެެއެއްގެ މެންދަމު ދޫކޮށްލި ހިތްގައުމު ވީޑިއޯއެއްގައި ބުނާ ގޮތުން އިހަވަންދިއްޕޮޅުގައި އިންވެސްޓްމަންޓްގެ ފުރުސަތު ތަކެއް އެބައޮތެވެ.


ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ އުތުރުން އަނެއްކާ ވެސް އާ ރިސޯޓު ތަކެއް ނެރެނީ ހެއްޔެވެ؟ ނޫނީ ކުރިން ހުޅުވާލި ރިސޯޓުތައް ބިޑަށް ލަނީ ހެއްޔެވެ؟ ނޫނީ ބިޑް ނުކޮށް ކުރިއަށް ގެންދާނެ "މާސިންގާ" ހުށަހެޅުމެއް ސަރުކާރުގެ މުށުތެރެއަށް ވަނީ ހެއްޔެވެ؟ ސަރުކާރުގެ ބަޖެޓުން އިންވެސްޓްމަންޓް ތަކަށް ހަރަދު ކުރަން ނިންމީ ހެއްޔެވެ؟ މި ހުރިހާ ކަމެއް ވަށައި މި ޖައްސަނީ ކޮން ކަމެއްގައި ހެއްޔެވެ؟

ކޮންމެ ގޮތެއް ހަދައިގެން ވިޔަސް ފޮރިން އިންވެސްޓްމަންޓް ރާއްޖެ ގެނަން އެބަޖެހެ އެވެ.އެކަން ކުރަން މާލަސްވެއްޖެ އެވެ. އެއީ އިގްތިސޯދީ މާހިރުން ނަގައިދޭން ޖެހޭ ފިލާވަޅެއް ވެސް ނޫނެވެ. ހަގީގަތުގައި ރަނގަޅު ސްޕީޑިގައި ދާނަމަ ކުރީ ސަރުކާރުގެ ފޮރިން އިންވެސްޓްމަންޓުތައް ރިއަލައިޒްވާއިރަށް މި ސަރުކާރުގެ އިންވެސްޓްމަންޓުތައް ހުންނަން ޖެހޭނީ ބަރާބަރަށް ތައްޔާރުވެފަ އެވެ. ރާއްޖޭގެ އިގްތިސޯދު ހަމަ މަގުގައި ހިފެހެއްޓޭނެ އެއް ގޮތަކީ ވެސް މިއީ އެވެ. ނަމަވެސް މިހާރު އުފެދިގެން އުޅޭ ސުވާލަކީ އިހަވަން ދިއްޕޮޅާ ދިމާލުން އިންވެސްޓްމަންޓްތަކެއް ތިލަވުމާއި މި ވަގުތު ރާއްޖޭގެ ވަށައިގެން ހިންގާ ހަރަކާތް ތަކެވެ.

އިންޑިއާއިން ހަނިމާދޫ ތަރައްގީ ކުރުން

ޓޫރިޒަމް މިނިސްޓްރީން އާއްމު ކޮށްފައިވާ އިންވެސްޓަރުން ހޯދާ އިސްތިހާރު ވީޑިއޯ ކުލިޕަށް ބަލައިލާއިރު، އެއިން ތިން ކަމެއް ފާހަގަ ވެ އެވެ. އެއް ކަމަކީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ ވާހަކަ އެކެވެ. ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ތަނަކަށް ހަދަން ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މި އެއާޕޯޓް ބޮޑު ކުރުމުގެ ޕްރޮޖެކްޓަކީ އިންޑިއާއިން ރާއްޖެއަށް ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުން ހަރަދު ކޮށްގެން ހިންގަން ރާވާފައިވާ ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓު ޓެންޑާ ކުރަން އެކުލަަވައިލަން ޖެހޭ ޕްރޮޖެކްޓް ރިޕޯޓް ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު އިންޑިއާ ހައިކޮމިޝަނުން ނެރުނު ބަޔާނަކުން ބުނި ގޮތުގައި އެ މަސައްކަތް ކުރަނީ އިންޑިއާގެ އެއާޕޯޓްސް އޮތޯރިޓީގެ ޓީމަކުންނެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީކޮށް ނިމޭއިރު، 2200 މީޓަރުގެ ރަންވޭއެއް އޮންނާނެ އެވެ. އޭރުން އޭ 320 މަރުކާގެ މަތިންދާބޯޓްތަކާއި ބޮއިންގް 737 މަރުކާގެ މަތިންދާބޯޓަށް ޖެއްސޭނެ އެވެ.

"މި މަޝްރޫއު ވެގެންދާނީ ރާއްޖޭގެ އުތުރުގައި ޓޫރިޒަމް ކުރިއަރުވާ ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތުގެ އިންޖީނު ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ލޯކަލް އަދި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ވެގެންދާނެ އެވެ." އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ވީޑިއޯ ކްލިޕުގައި ބުނެދޭ ދެވަނަ ވާހަކައަކީ އަންނަ މަހު ހުޅުން ތައްޔާރުވާ ހޯރަފުށީ އެއާޕޯޓުގެ ވާހަކަ އެވެ. ހޯރަފުށީ އެެއާޕޯޓުން 10 ނޫނީ 15 މިނެޓުން ދެވޭ ހިސާބެއްގައި ހުޅުވާލާ އިންވެސްޓްމަންޓް ފުރުސަތެއްގެ ވާހަކަ އެވެ. ޔަގީނުން ވެސް މި ސަރުކާރު އައި ފަހުން މިއީ އަލަށް ހުޅުވާ އެއާޕޯޓެއް ނޫނެވެ. ކުރީ ސަރުކާރުން މަސައްކަތް ފެށި ކުޅުދުއްފުޓާއި މާވަރުލު އެއާޕޯޓު ވެސް ހުޅުވައިފި އެވެ. އެހެންވެ މިއީ ވަކިން ހާއްސަ އެއާޕޯޓަކަށް ނުވާނެ އެވެ. ތަފާތަކީ މި އެއާޕޯޓް އޮތް ސަރަހައްދުގެ ތަފާތެވެ. މި އެއާޕޯޓު މި އޮތީ އިހަވަންދިއްޕޮޅުގަ އެވެ.

އުލިގަމު ސިޓީ ހޮޓާ މަޝްރޫއު އެއްތަ؟

އިންވެސްޓްމަންޓް ކުލި ފުރުސަތާއެކު ދެން އޮތީ އެހެން ވާހަކަ އެކެވެ. މި ހުރިހާކަމެއް ވަށައިގެ ޖެހެމުން މި ދަނީ އިހަވަންދިއްޕޮޅާއި އިންޑިއާގެ ސޫތުކުޅި އަދި ކޮޗިންއާ ގުޅިގެންދާ "ފެރީ" އިންނެވެ. ސަރުކާރުން ބުނާ ގޮތުގައި ކުޅުދުފުށީ ބަނދަރަށް މިދިޔަ މަހުގެ 26 ވަނަ ދުވަހު ބަނދަރު ކުރި "ކޮޗިން ފެރީ" އައީ އުތުރު ތަރައްގީއަށް ފަތުރާލާ "ވަރަށް ގިނަ ފުރުސަތު" ހިފައިގެންނެވެ.

އެނގިފައިވާ ގޮތުގައި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އިއުލާނު ކުރާނެ އެއް މަޝޫއަކީ ހއ. އުލިގަމުގެ ސިޓީ ހޮޓަލެއްގެ އިތުރުން ޔޮޓް މެރީނާއެއް ހެދުމުގެ މަޝްރޫއެކެވެ. އުލިގަމަކީ މީގެ ކުރިން ވެސް ސިޓީ ހޮޓާ އެޅުމުގެ މަޝްރޫއެއް ހިންގި ރަށެވެ. ޓޫރިޒަމްގެ ފައިދާ ދިވެހި ގިނަ ރައްޔިތުންނަށް ހޯދައިދިނުމުގެ މަގުސަދުގައި 2007 ގައި އުފެއްދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ފެށި މަޝްރޫއު ފަހުން ވަނީ ހުއްޓިފަ އެވެ.

ސަރުކާރުން މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ބިޑް ކުރަން ގިނަ ރަށްތަކެއް ވަނީ "ހޭންޑް ޕިކް" ކޮށްގެން ނަގާފަ އެވެ. ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ދައުރުގައި ކުރި އެ މަސައްކަތުން ނެގި ރަށްތައް ބިޑް ކުރެވޭ ގޮތެއް އަދިވެސް ސަރުކާރަކަށް ނުވެ އެވެ.

އެންމެ ރަނގަޅު ވަގުތު ޖެހުނީ ބާ؟

މި ރަށްތައް ބިޑަށް ހުޅުވާލާނީ ކޮން އިރަކުންތޯ އަވަސް އިން މިހާރުގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާސުވާލު ކުރުމުން ދެއްވި ޖަވާބުގައި ވިދާޅުވި ގޮތުގައި ރަށްތައް ނެރޭނީ އެންމެ ރަނގަޅު ވަގުތުގަ އެވެ.

"އިރާދުކުރެއްވިއްޔާ އެންމެ މުނާސަބަތު ވަގުތުގައި ހުޅުވާލާނަން. ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮންމެ ނިންމުމެއް ނިންމަން ޖެހޭނީ ރައްޔިތުންނާއި ދައުލަތަށް އެންމެ ފައިދާވާ ގޮތަށް. އަޅުގަނޑުމެން އެބަޖެހޭ ޑިމާންޑް އެންމެ ރަނގަޅު ވަގޮތަކަށް ވެސް މަޑުކޮށްލަން،" އަވަސް އަށް ދެއްވި އެ އިންޓަވިއުއެއްގައި މައުސޫމް ވިދާޅުވި އެވެ.

އާ އިންވެސްޓްމަންޓު ފުރުސަތުތަކެއް އިއުލާނު ކުރަން ނިންމުމާއެކު މިހާރުގެ ސުވާލަކީ އެންމެ ރަނގަޅު ވަގުތު ޖެހުނީ ބާ އެވެ؟ މި މަޝްރޫއުގައި ރާއްޖޭގެ އެންމެ ރިސޯޓު މަދު ހދ. ގެ ރަށެއް ހިމެނޭނެ ތޯ އެ ހިސާބުގެ ރައްޔިތުން ސުވާލު އުފައްދަ އެވެ. ހިމެނޭނެ ހެއްޔެވެ؟

ދައްޕަރު "ސެކަންޑް ހޯމް"

ކުއްލި އިންވެސްޓްމަންޓުގެ ފުރުސަތުތަކެއް ސަރުކާރުން އިއުލާނު ކުރިއިރު ރާއްޖޭގެ ޓޫރިޒަމަށް އާ ރަހައެއްގެ ގޮތުގައި ހއ. ދައްޕަރުގައި ބޭރު މީހުނަށް ސެކަންޑް ހޯމް ތަރައްގީ ކުރަން ވަނީ ނިންމާފަ އެވެ. އިކްނޮމިކް މިނިސްޓަރު ފައްޔާޒު ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ އިގްތިސޯދު ޑައިވާސިފައި ކޮށް އެހެން ދޮރު ތަކުން ބޭރު ފައިސާ ވަންނާނެ ގޮތް ތަކެއް ހޯދަން ވިސްނަ އެވެ. އޭގެ އެއް ކަމަކީ ދައްޕަރުގައި ސެކަންޑް ހޯމް ތަކެއް ހެދުމެވެ. ސެކްންޑް ހޯމްގެ ގޮތުގައި ހަދަނީ ބޭރުގެ މީހުންނަށް ވިއްކާ ލަގްޒަރީ އެޕާޓްމެންޓް ތަކެކެވެ.

މި ހުރިހާ ސުވާލުތަކާއެކު އޭގެ ޖަވާބު ލިބޭނީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ. މިހާރު ޔަގީންވާ އެއް ކަމަކީ މިހުރިހާ ކަމެއް މި ޖަމާވަނީ ހިހަވަންދިއްޕޮޅަށެވެ. ރާއްޖެ ބަދަލުކޮށްލި ކޮންމެ ކަމެއްގައި އެންމެ އިސްކޮށް އުޅުނު އުތުރުގެ ރައްޔިތުންންގެ އަތް މައްޗަށެވެ.