މި ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން 16 ރަށް ހުޅުވާލައިގެން ބޮޑު ޑިސްކައުންޓެއް ދިނުމުން ވެސް، ރިސޯޓު ހަދަން ދެވޭ ވަރުވީ އެންމެ ރަށެކެވެ.
ޓޫރިޒަމް ތަރައްގީ ކުރަން މި ދައުރުގައި 29 ރަށް އިއުލާނު ކުރަން ނިންމައި 16 ރަށެއް ބީލަމަށް ލާފައިވަނީ މި އަހަރުގެ ޖޫން މަހު އެވެ.
މި ރަށްތައް އިއުލާނު ކުރުމާއެކު އިގްތިސޯދީ ގިނަ މާހިރުން ވިދާޅުވަމުން ދިޔައީ ކޮވިޑްގެ ހާލަތުގައި ރިސޯޓު ހަދަން ރަށް ނެރެފިނަމަ ބޮޑު ތަނުން ފެއިލް ވާނެ ކަމަށެވެ. މިއީ ރިސޯޓު ހަދަން ރަށް ނެރެން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.
އޭރު ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވަމުން ގެންދެވީ ރަށްތައް ނެރޭތީ އިންވެސްޓަރުން ކެތްމަދުވެފައިވާ ކަމަށާ ޓޫރިޒަމް ގާނޫނަށް ގެނެސްފައިވާ ބަދަލާއެކު އިންވެސްޓަރުންގެ ޝައުގުވެރިކަން ވެސް މަތިވެފައިވާ ކަމަށެވެ.
ނަމަވެސް، ކޮވިޑް-19 އަށްފަހު އިންވެސްޓަރުންގެ ޝައުގުވެރިކަން ނެތް ވަގުތެއްގައި މި ރަށްތައް އިއުލާނުކޮށް ރަށްތަކުގެ އަގު ބޮޑުތަނުން ވައްޓާލި އެވެ.
ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައެޅި 16 ބިމަކާއި ރަށެއްގެ ލޭންޑް އެކުއިޒިޝަން ކޮސްޓް ވައްޓާލި އެވެ. ރިސޯޓު ހަދަން ސަރުކާރަށް ދައްކަން ޖެހޭ މި ފައިސާ ދަށް ކުރުމާއެކު ހުރިހާ ރަށަކާއި ބިމަކުން ވެސް އެކިއުޒިޝަން ކޮސްޓް 30 ޕަސެންޓް ކުޑަވެފައިވެ އެވެ.
އެ މިނިސްޓްރީން ބުނީ އަގު ދަށްކުރީ އިންވެސްޓް ކުރަން އިންވެސްޓަރުންނަށް ދަތި ތަކެއް ހުރުމުންނެވެ.
އަގު ދަށްކޮށް އިއުލާނު ކުރުމާއެކު 16 ރަށުގެ ތެރެއިން ކުރިމަތިލީ ހަތް ރަށަކަށެވެ. މި ރަށްތަކަށް ކުރިމަތިލީ އެންމެ ނުވަ ފަރާ ތަކުންނެވެ. ނަމަވެސް ބީލަން މަރުހަލާގައި ގިނަ ދުވަސްތަކެއް ވުމަށްފަހު މި ރަށްތަކުގެ ތެރެއިން އެވޯޑު ކުރަން ސިޓީ ފޮނީ އެންމެ ރަށަކަށެވެ.
ރިސޯޓު ހަދަން ހުޅުވާލި ހއ. ވެލި ފިނޮޅު ލިބިފައި ވަނީ ރައްޔިތުން މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަދި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމްގެ ފިރިކަލުން، މުހައްމަދު ނާޝިޒުގެ ހިއްސާ އޮންނަ ޕާލް ސޭންޑްސް އޮފް މޯލްޑިވްސް ކުންފުންޏަށެވެ.