ރިޕޯޓް

2018: ޓޫރިޒަމް ކާމިޔާބު އަހަރަކަށްވީ ކިހިނެއް؟

މިދިޔަ އަހަރު ފެށިގެން ދިޔައީ ރާއްޖެ އަށް ބަނަ ކޮށެވެ. ފެބުރުއަރީ 1، 2018 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު "ހޫނު އަމުރު" ވެގެން ދިޔައީ ރާއްޖެ ބަނަކޮށްލި ކަމަށެވެ. އަދި އެ އަމުރަށް ފަސް ދުވަސް ފަހުންވީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އެވެ. މިއާއެކު ރާއްޖެ އިގްތިސާދަށް ކަޅު ވިލާތައް ޖަމާވާން ފެށި އެވެ. އެންމެ ގިނައިން މީހުން އަންނަ ގައުމު ތަކުން "ޓްރެވަލް އެލާޓް" ތައް އެޅުވި އެވެ. މިއާއެކު އިގްތިސޯދަށް ގުޑުން އައިސް ބުކިންތައް ކެންސަލްވި އެވެ. މީގެ ތަދު އިގްތިސާދަށް ބޮޑުވި އެވެ. އަދި އަހަރު ނިމިގެން ދިޔައީ ވެސް ތަދު ފިލައިގެން ނުގޮހެވެ. މީގެ ހުރިހާ ބުރައެއް ކުރީ އިގްތިސޯދުގެ މައިނާރު ޓޫރިޒަމް ސިނާއަތަށެވެ. ނަމަވެސް އެ ވަގުތު ވެސް ޓޫރިޒަމް އިޝްތިހާރު ކުރުމުގެ މަސައްކަތް ދިޔައީ މެދުނުކެނޑި ކުރި އަށެވެ. ނަތީޖާއަކީ އަހަރު ނިމުނުއިރު 1.4 މިލިއަން މީހުން އައުމެވެ. ސުވާލަކީ މި އަދަދަށް މީހުން ގެންނަން ކުރީ ކޮން މަސައްކަތެއް ހެއްޔެވެ؟

ރާއްޖޭގެ ޓޫރިޒަމް އެރައިވަލް މިދިޔަ އަހަރު ބަލާއިރު، މިދިޔަ އަހަރު ޖުމްލަ 1.4 މިލިއަން މީހުން އައިސްފައިވެ އެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 6.8 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު އެންމެ ގިނަ މީހުން އައި ފެބްރުއަރީ މަހު އެވެ. އެއީ 144,286 ޓޫރިސްޓުންނެވެ. އަދި މިދިޔަ އަހަރު އައި މީހުންގެ 52 ޕަސެންޓަކީ އަންހެނުން އެވެ. އަދި ފިރިހެނުންގެ ނިސްބަތަކީ 48 ޕަސެންޓެވެ. އަދި ރާއްޖެ އައި މީހުންގެ 49 ޕަސެންޓް ހިއްސާ ވަނީ ޔޫރަޕު މީހުންނެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައިއެއް ގައުމަކީ ޗައިނާ އެވެ. އެ ގައުމުން މިދިޔަ އަހަރު 283,116 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި މިދިޔަ އަހަރު ޖުމްލަ އޮކިއުޕެންސީ އުޅެނީ 62.1 ޕަސެންޓުގަ އެވެ. އަދި ޖުމްލަ ބެޑް ނައިޓްސްއަކީ 9،470،379 އެވެ. ބެޑް ނައިޓްސް ވަނީ 10.2 ޕަސެންޓް އިތުރުވެފަ އެވެ. އަދި އެވްރެޖު ގޮތެއްގައި ޓޫރިސްޓުން ތިބީ 6.4 ދުވަހު އެވެ. އަދި މިދިޔަ އަހަރު އެންމެ އޮކިއުޕެންސީ ރަނގަޅުވީ ފެބްރުއަރީ މަހު އެވެ.

މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމް މަތިވިކަމަށް ހިސާބުތަކުން ދެއްކިއިރު ވޭތުވެދިޔަ ހަތަރު އަހަރު ވެގެން ދިޔައީ ރާއްޖޭގެ އެންމެ މުހިންމު އެއް މާކެޓު ކަމަށްވާ ރަޝިޔާ އިން އަންނަ މީހުން ދަށުގައި ހުރި އަހަރަކަށެވެ. ހަތަރު އަހަރަށް ބަލާއިރު ރަޝިޔާ މާކެޓު ރަނގަޅުވާން ފަށާފައިވަނީ 2016 ވަނަ އަހަރުން ފެށިގެންނެވެ. އެގޮތުން 2016 ވަނަ ފެބްރުއަރީ މަހު ރަޝިޔާ އިން ރާއްޖެ އަށް ޒިޔާރަތް ކުރީ 2،882 ޓޫރިސްޓުންނެވެ. މިއީ މި އަހަރުގެ ފެބްރުއަރީ މަހު ރާއްޖެ އަށް ޒިޔާރަތް ކުރި 3،274 ޓޫރިސްޓުންނާ އަޅާ ބަލާއިރު 13.6 ޕަސެންޓުގެ އިތުރުވުމެކެވެ. މި ކުރިއެރުން އައިސްފައިވަނީ އެ މާކެޓަށް ހާއްސަކޮށް ރާއްޖޭން ކުރި "ޓާގެޓެޑް" ކެމްޕޭންތަކުގެ ސަބަބުންނެވެ.

ފަސް އަހަރުގެ ނަތީޖާ

ރާއްޖެ މާކެޓު ކުރުމަށްޓަކައި ކުރެވިފައިވަނީ ކޮން މަސައްކަތްތަކެއް ހެއްޔެވެ؟ ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ރާއްޖެ އިޝްތިހާރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ. މިގޮތުން ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ބާލިން ފެއާ ހޮސްޓް ކަންޓްރީ ގޮތުގައި ބައިވެރިވެފައިވެ އެވެ. އަދި ދުނިޔޭގެ އެކި ހިސާބުތަކުގައި ގިނަ ފެއާތަކެއްގައި ވަނީ ބައިވެރިވެފަ އެވެ. މީގެ އިތުރުން މިހާރު އާ މާކެޓުތައް ޓެޕް ކުރަން ކުރި މަސައްކަތްތައް ހިމެނެ އެވެ. ހާއްސަކޮށް އެމެރިކާ އާއި އިންޑިއާގެ މާކެޓަށް ހާއްސަކޮށް ގިނަ ފެއާތަކެއްގައި ބައިވެރިވެފައިވެ އެވެ. އަދި 2016 ވަނަ އަހަރަކީ ރާއްޖެ އަށް ޒިޔާރަތް ކުރާ އަހަރުގެ ގޮތުގައި ކަނޑައަޅައި ގިނަ މަސައްކަތް ތަކެއް ކޮށްފައިވެ އެވެ.

މި މަސައްކަތުގެ ނަތީޖާއަކީ ރާއްޖޭގައި ހަލަބޮލިކަން އޮތްނަމަވެސް ޓޫރިސްޓު އެރައިވަލް ދަށްނުވެ ހިފެހެއްޓުމެވެ.

ދެހާސް ދޯޅަވަނަ އަހަރު ލަންޑަންގައި ބޭއްވި ޑަބްލިއުޓީއެމް ފެއާގައި ވާހަކަ ދައްކަވަމުން އެމްއެމްޕީއާރުސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު ހާރިސް މުހައްމަދު ވިދާޅުވެފައިވާ ގޮތުގައި އިނގިރޭސިވިލާތުގެ މާކެޓު ރަނގަޅު ކުރަން ކުރަމުންދާ މަސައްކަތްތަކުން ރާއްޖެ އަށް ރަނގަޅު މާކެޓެއް ހޯދޭނެ ކަމަށާ، އެ މާކެޓް އިތުރަށް ރަނގަޅު ކުރުމަށް މި ޑަބްލިއުޓީއެމް ފެއާ އިން ވަރަށް ބޮޑު ފުރުސަތެއް ހުޅުވިގެން ދިޔަ ކަމަށެވެ.

"މި އިވެންޓްގަ އަޅުގަނޑުމެން ބައިވެރިވުމުން ހަމައެކަނި ޔޫކޭ މާކެޓަކަށް ނޫން އަޅުގަނޑުމެންނަށް މި ވާސިލުވެވެނީ، ޔޫރަޕްގެ އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެންނަށް ރީޗްވުމުގެ ފުރުސަތު އެބަ އޮތް،" ހާރިސް ވިދާޅުވެފައިވެ އެވެ.

އިނގިރޭސި މާކެޓަށް ހާއްސަކޮށް ކުރި ކެމްޕޭންތަކާއެކު އެ ގައުމުގެ ރައްޔިތުންގެ ސަމާލުކަން ދިޔައީ ލިބިގެންނެވެ. މިގޮތުން ދުނިޔޭގެ މަޝްހޫރު ސާޗް އިންޖިން ގޫގުލްއިން 2016 ވަނަ އަހަރުގެ ފަހުކޮޅު ނެރުނު ރިޕޯޓެއްގައިވާ ގޮތުން އެ ގައުމުގެ މީހުން އެންމެ ގިނައިން ސާޗްކުރާ އެއް ލަފްޒަކީ "މޯލްޑިވްސް" އެވެ.

ޑިިޖިޓަލް މާކެޓިންގެ ތެރެއަށް ގެންދިއުން

ރާއްޖެ އިން ކުރިން ހަމައެކަނި ކުރަނީ ފެއާ ތަކަށް ދިއުމާއި ކޮންމެ ވެސް ބޭރު ގައުމެއްގެ މަޖައްލާއެއްގައި ރާއްޖޭގެ އާޓިކަލްއެއް ޖެހުމެވެ. ނަމަވެސް 2017 ވަނަ އަހަރު ވަނީ ރާއްޖޭގެ މާކެޓިން އަށް ބޮޑު ބަދަލެއް ގެނެސްފަ އެވެ. މިގޮތުން ގެނައި މައިގަނޑު ބަދަލަކީ "ޓިޖިޓަލް މާކެޓިން" އަށް އިސްކަން ދިނުމެވެ. އެގޮތުން ބޭރުގެ އެކްސްޕާޓުންނާއެކު ބައްދަލުވުމެއް ބާއްވައި އެމީހުންގެ ލަފާގެ މަތިން ބައެއް ބަދަލުތައް ގެނަ އެވެ. ހާއްސަކޮށް ރާއްޖެއަށް ޕްރޮޓެކްޝަލް ހުރި އެމެރިކާ ފަދަ މާކެޓުތަކަށް ޓާގެޓްކޮށް ޑިޖިޓަލް މާކެޓިންގެ ގިނަ ހަރަކާތްތަކެއް ހިންގި އެވެ.

އެމްއެމްޕީއާރުސީ އިން ވަނީ "ރާއްޖޭގެ ވާހަކަ" ނުވަތަ މޯލްޑިވްސް ސްޓޯރީ ކިޔައިދޭން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި އުފައްދާ ޒަމާންވީ އުފެއްދުންތަކުގެ މައުލޫމާތު ކުރު ވީޑިއޯ ކޮޅެއްގެ ސިފައިގައި ދުނިޔެއަށް ގެނެސްދީފައިވެ އެވެ. މިގޮތުން މައުލޫމާތު ގެނެސްދޭ ބައެއް ޔުނީކް ޕްރޮޑަކްޓްތަކުގެ ތެރޭގައި އައްޑޫ ބޮނޑި އާއި އޮޅު އަލަށް އަދި ތުނޑުކުނަލާއި ބޯވަޅު އެޅި ދިވެހި ލިސާބު އެންމެ ކުރިން ވިޔާ ގޮތް ފަދަ ގިނަ ކަންކަން ދުނިޔެ އަށް ފެނިގެންދިޔަ އެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ "ފުރިހަމަ ފޮޓޯއެއް" ޓޫރިސްޓުންނަށް ދިނުން ކަމަށް އެމްއެމްޕީއާރުސީ އިން އޭރު ވަނީ ބުނެފަ އެވެ. މީގެ އިތުރުން މާކެޓިންއަށް ކުރި މަސައްކަތްތަކުގެ ނަތީޖާއަކީ ރާއްޖޭގެ މަގުބޫލުކަން ޕަސެންޓުގައި ހިފެހެއްޓުމެވެ.

ހުޅުވި ރިސޯޓުތަކުން ރާއްޖެ މާކެޓު ކުރި

ޑެސްޓިނޭޝަން މާކެޓިންއަކީ ތަފާތު ކަމެވެ. އަދި ޕްރޮޑަކްޓް މާކެޓިންވެސް މުޅިން ތަފާތެވެ. ރިސޯޓުތަކުން ގިނަ ފަހަރު ކުރަނީ ޕްރޮޑަކްޓް މާކެޓު ކުރުމެވެ. ނަމަވެސް މިގޮތަށް މާކެޓު ކުރާއިރު ވެސް ރާއްޖެ އިޝްތިހާރު ވުން މިއީ ވެސް މިދިޔަ އަހަރު ޓޫރިޒަމް ރަނގަޅު ވުމުގެ ސަބަބެވެ. ޓޫރިޒަމް ސިނާއަތުން އަމިއްލަ އަށް އިސް ނަގައިގެން ގިނަ ހޭދަ ތަކެއް މިކަމަށް ކޮށްފައިވެ އެވެ. މިކަން ކުރަން މަޖުބޫރުވި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ސިޔާސީ ދާއިރާ ކިލަނބުވުމުން އިގްތިސާދަށް އަސަރު ކުރުމެވެ. މީގެ އިތުރުން އަލަށް ހުޅުވި ގިނަ ރިސޯޓުތަކުން ވަނީ ރާއްޖެ އިޝްތިހާރު ކުރަން ނުސީދާ ގޮތަށްނަމަވެސް ގިނަ މަސައްކަތްތަކެއް ކޮށްދީފަ އެވެ.

ޓޫރިޒަމް ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރު މުޅިން އަލަށް 20 އަށް ވުރެ ގިނަ ރިސޯޓު ހުޅުވާފައިވެ އެވެ. މީގެތެރޭގައި ދެބައި ކުޅަ އެއް ބަޔަކީ މުޅިން އަލަށް ހުޅުވި ރިސޯޓުތަކެވެ. މި ރިސޯޓުތައް ހުޅުވުމުގެ މައިގަނޑު ސަބަބަކީ ރިސޯޓު ހަދަން ތިން އަހަރު ދުވަހަށް ގެންނަ މުދާ ހިލޭކޮށްލުމެވެ. މި ބަދަލާއެކު 2016 ވަނަ އަހަރު ރިސޯޓު ތަރައްގީ ކުރަން ގެނައި މުދަލުގެ އަގު ތިން ބިލިއަން ރުފިޔާ އަށް އަރާއިރު، މީގެ ތެރެއިން 378 މިލިއަން ރުފިޔާ ވަނީ ޑިއުޓީ މައާފުކޮށްދިނެވެ.

ނަތީޖާއަކީ ޓޫރިޒަމް ސިނާއަތުން ކުރި ބުރަ މަސައްކަތްތަކުން 2016 ވަނަ އަހަރު މިލިއަން މީހުން ރާއްޖެ އައުމެވެ. ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ރާއްޖެ އައީ 1,286,135 ޓޫރިސްޓުންނެވެ. މިއީ އެއީ އޭގެ ކުރީ އަހަރު އައި 1,234,248 ޓޫރިސްޓުންނާ އަޅާބަލާއިރު 4.2 ޕަސެންޓްގެ ކުރިއެރުމެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މެދު އަދި އިރުމަތީ ޔޫރަޕްގެ ގައުމުތަކުން މިދިޔަ އަހަރު 575,176 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި އުތުރު ޔޫރަޕުން 132,626 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ. މީގެ އިތުރުން ދެކުނު ދެކުނު ޔޫރަޕުން އައިސްފައިވަނީ 109,326 ޓޫރިސްޓުންނެވެ. މީގެ އިތުރުން ހުޅަނގު ޔޫރަޕުން 213,006 ޓޫރިސްޓުން އައެވެ. އަދި މެޑިޓެރީނިއަން ގައުމުތަކުން ރާއްޖެއަށް 15,664 ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ.

އަމިއްލަ ފަރާތަކުގެ މަސައްކަތް ގިނަ

ރާއްޖެއަށް މިދިޔަ އަހަރު ގިނަ އަދަދެއްގެ ޓޫރިސްޓުން އައުމުގައި ޓޫރިޒަމް ދާއިރާގެ އަމިއްލަ ފަރާތްތަކުގެ ދައުރުވެސް ބޮޑެވެ. ހާއްސަކޮށް މި ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ޖަމިއްޔާތަކުން ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ. ހާއްސަކޮށް ދުރާލާ ރާވައިގެން ބޭއްވި ރާއްޖޭގެ ފުރަތަމަ ޓޫރިޒަމް ފެއާ ޓީޓީއެމް ވެސް ވެގެން ދިޔައީ ރާއްޖެ އިޝްތިހާރު ކުރަން ފެށި މުހިންމު މަސައްކަތަކަށެވެ. މިގޮތުން މަޓާޓޯ އާއި ފަދަ ޖަމިއްޔާތަކުން ވެސް މުހިންމު ރޯލެއް ހުޅުފަ އެވެ. މީގެ އިތުރުން ރާއްޖެ އަށް މުޅިން އަލަށް ޔޫރަޕުގެ ބައެއް އެއާލައިންތަކުން ދަތުރު ފެށުން ވެސް މިއީ މިދިޔަ އަހަރު ޓޫރިޒަމް ރަނގަޅުވުމުގެ ސަބަބެކެވެ. އެގޮތުން ކެތޭ ފެސިފިކް އާއި އެއާފްރާންސް އަދި އިންޑިއާގެ ތިން އެއާލައިން އަކުން ވެސް ވަނީ ރާއްޖެ އަށް ދަތުރު ފަށާފަ އެވެ.

މި ހުރިހާ މަސައްކަތްތަކާއެކު މިދިޔަ އަހަރު 1.4 މިލިއަން މީހުން ވަނީ އައިސްފަ އެވެ. މިއީ މި އަދަދަށް މީހުން ގެންނަން ކުރި މަސައްކަތެވެ. ދެން އޮތީ މި އަދަދު މިއަށްވުރެ މަތި ކުރުމެވެ. އިގްތިސާދު ކުރިއަރުވަން ބޭނުންނަމަ ކުރަން ޖެހޭ މަސައްކަތަކީ މިއީ އެވެ.